ފިނޭންސް މިނިސްޓަރު ޝަރީއަތަށް ފޮނުއްވުމަށް ނަޝީދު ގޮވާލައްވައިފި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު--- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅަން ބުނެފައިވާ މުއްދަތަށް ވަޑައިނުގަތުމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެ އިންނެވީ ކުށެއް ކުރައްވައިގެން ކަމަށް ތުހުމަތުކޮށް، އެ ބޭފުޅާގެ މައްސަލަ ޝަރީއަތަށް ފޮނުވުމަށް، އިއްޔެ މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވި މުޙައްމަދު ނަޝީދު މިއަދު ގޮވާލައްވައިފިއެވެ.

މީގެ ކުރިން ނަޝީދުގެ އިތުބާރުގެ މައްސަލަ ހުށަހަޅާފައި އޮތް އިރު މިނިސްޓަރު އަމީރު ވަނީ، ބަންޑާރަ ނައިބުގެ ލަފާއާ އެކު ބަޖެޓު ހުށަހެޅުމަށް މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގެންފައެވެ.

މަޖިލީހުގެ އާ ރައީސްއަކަށް މުޙައްމަދު އަސްލަމް ރޭ އިއްތިޚާބު ކުރުމާއެކު، އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތް އެޖެންޑާކުރި މިއަދުގެ ޖަލްސާއަށް އަމީރު ވަޑައިގެންފައިވެއެވެ.

މިއަދުގެ ޖަލްސާއަށް މިނިސްޓަރު އަމީރު ހާޒިރުވެވަޑައިގެން އިންނަވަނިކޮށް ދަ ޑިމޮކްރެޓްސްއިން ވަނީ ނިޒާމީ މައްސަލައެއް ހުށަހަޅުއްވާފައެވެ. އެގޮތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ނިޒާމީ މައްސަލަ ނަންގަވާ މާލީ ވަޒީރު ވަޑައިގެން އެ ހުންނެވީ މާލީ ކުށެއްގެ މަތީގައި ކަމަށް ވިދާޅުވިއެވެ.

އެ ޕާޓީއަށް ނިސްބަތްވާ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ މާލީ ވަޒީރު މަޖިލީހަށް ހާޒިރުވެވަޑައިގެން އިންނެވީ މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމަށް ފަހު ކަމަށެވެ. އަދި މީގެ ކުރިން ބަޖެޓު ހުށަހެޅުމަށް ވަޑައިނުގެންނެވީ ޢައިރު ގާނޫނީ ލަފައެއްގެ މަތީން ކަމަށް ސުޕްރިމްކޯޓުގެ ހުކުމުން ވެސް އެނގިގެންދާ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

ނަމަވެސް މަޖިލީހުގެ ރައީސް އަސްލަމް ވަނީ އެއީ ނިޒާމީ މައްސަލައެއް ނޫން ކަމަށް ނިންމައިފައެވެ.

އެއާއެކު ނަޝީދު ވަނީ އަލުން ނިޒާމީ މައްސަލަ ނަންގަވައި މާލީ ވަޒީރު ވަޑައިގެން އެ އިންނެވީ މާލީ ކުށެއްގެ މަތީގައި ކަމަށާއި ކުރަން އެންމެ ރަނގަޅު މަސައްކަތަކީ މާލީ ވަޒީރު ޝަރީއަތަށް ފޮނުވުން ކަމަށް ވިދާޅުވެފައެވެ.

"މާލިއްޔަތު ގާނޫނުގަ ވަރަށް ސާފުކޮށް ބަޔާންކުރޭ ބަޖެޓު ހުށަހަޅަންވީ ދުވަސްތައް. ސިޔާސީ ބޭނުންތަކަށް މިތަނުގަ އެބޭފުޅުން އެކި ގޮތްގޮތަށް އަނބުރަމުން އެ ގެންދަނީ. ދިވެހި ދައުލަތުގެ ނިޒާމު ނަގާލެވިގެން ނުވާނެ،" ނަޝީދު ވިދާޅުވިއެވެ.

"މާލީ ވަޒީރު ޝަރީއަތައް ފޮނުވުން އެއީ މި ވަގުތު އަޅުގަނޑުމެން ކުރާން އޮތް އެންމެ މުހިންމު ކަންތައް،"

ނަމަވެސް ރިޔާސަތުގައި އިންނަވާ އަސްލަމް ވަނީ އެމައްސަލަ ބަލައިގަތުމަށް ދެކޮޅު ހައްދަވައި ބަޖެޓު ހުށަހެޅުމަށް ފިނޭންސް މިނިސްޓަރަށް ފުރުސަތު އަރުވާފައެވެ.

އެއާއެކު ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރަން ފަށައިފައެވެ. އެގޮތުން ފިނޭންސް މިނިސްޓަރު ބަޖެޓު ހުށަހަޅަމުން ދިޔަ ވަގުތު އެ ޕާޓީއަށް ނިސްބަތްވާ މެންބަރުން ވަނީ މިނިސްޓަރު ވަށައިގެން އެއްވެ ބަޖެޓު ހުށަހެޅުން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.

މަޖިލީހުގެ ގަވާއިދުގެ 47 ވަނަ މާއްދާގައިވާގޮތުން، އެންމެ ލަސްވެގެން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ކުރިން އެ އަހަރެއްގެ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅަން ވާނެއެވެ. އަދި ބަޖެޓު ހުށަހަޅުއްވަން ޖެހޭނީ ފިނޭންސް މިނިސްޓަރެވެ.

މިދިޔަ މަހުގެ 31ގައި ވެސް މަޖިލީހަށް ބަޖެޓު ހުށަހަޅަން އެޖެންޑާ ކުރި ނަމަވެސް, އޭރު މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީން ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ކުރިއަށް ނުގެންދާތީ އެ ޕާޓީން ޖަލްސާއަށް ހުރަސްއެޅިއެވެ.

comment ކޮމެންޓް