އިންޑޮނޭޝިއާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ނަންތައް އިއުލާނުކޮށްފި

އޮންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ. ފޮޓޯ/ޗައިނާ ޑެއިލީ

އަންނަ އަހަރު ބާއްވާ އިންޑޮނޭޝިއާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ނަންތައް އިއުލާނުކޮށްފިއެވެ.

އިންޑޮނޭޝިއާގެ އިލެކްޝަން ކޮމިޝަން (ކޭޕީޔޫ) އާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިންޑޮނޭޝިއާގެ ރިޔާސީ އިންތިހާބުގައި އަންނަ އަހަރު ތިން ބޭފުޅުން ވާދަކުރައްވާނެއެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޭޕީޔޫގެ ކޮމިޝަނަރު އިދާމް ހޯލިކް ވިދާޅުވީ، ކެންޑިޑޭޓް އަނީސް ބަސްވެދާން އާއި ރަނިންމޭޓް މުހައިމިން އިސްކަންދަރު، ކެންޑިޑޭޓް ގަންޖާރު ޕްރަނޯވޯ އަދި ރަނިންމޭޓް މަހުފޫދު އެމްޑީ، ކެންޑިޑޭޓް ޕްރަބޯވޯ ސުބިއަންޓޯ އަދި ރަނިންމޭޓް ޖިބްރާން ރަކަބޫމިންގް ރާކާ އަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތު ހަމަވެފައިވާ ކަމަށެވެ.

މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ އިންޑޮނޭޝިއާގެ ރިޔާސީ އިންތިހާބުގައި 205 މިލިއަން މީހުން ވޯޓުލާނެ ކަމަށް ލަފާކޮށްފައިވެއެވެ. އިންޑޮނޭޝިއާގެ ރިޔާސީ އިންތިހާބު ބާއްވާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު 14 ގައެވެ.

އޮކްޓޯބަރު 27 އިން ނޮވެމްބަރު 1 ގެ ނިޔަލަށް އިންޑިކޭޓާ ޕޮލިޓިކް އިންޑޮނޭޝިއާއިން ޖުމްލަ 1220 މީހުން ބައިވެރިކޮށްގެން ކުރި ދިރާސާއަކުން ދައްކާގޮތުގައި 39.7 އިންސައްތަ މީހުން ވޯޓުލާނީ ތިން ވަނަ ފަހަރަށް ރިޔާސީ އިންތިޚާބަށް ވާދަކުރާ ސުބިއަންޓޯއަށެވެ.

މިހާރުގެ ރައީސް ވިޑޯޑޯގެ އިންޑޮނޭޝިއަން ޑިމޮކްރެޓިކް ޕާޓީ އޮފް ސްޓްރަގްލް (ޕީޑީއައި-ޕީ) އިން ކެންޑިޑޭޓެއްގެ ގޮތުގައި ހޮވާފައިވަނީ ޕްރަނޯވޯއެވެ. އޭނާގެ ރަނިންމޭޓަކީ ސެކިއުރިޓީއާބެހޭ އިސް ވަޒީރު މަހުފުދުއެވެ.

ތިން ވަނަ ކެންޑިޑޭޓް ބަސްވެދާން އަކީ ކޮންޒަވޭޓިވް މުސްލިމުންނާއި އިސްލާމިސްޓް ޖަމާއަތްތަކުން އިސްކަންދޭ ފަރާތެކެވެ. އޭނާގެ ރަނިންމޭޓަކަށް ހޮވީ އިސްލާމިސްޓް ނޭޝަނަލް އެވޭކިންގް ޕާޓީ (ޕީކޭބީ)ގެ ޗެއާމަން އިސްކަންދަރެވެ.

ރަސްމީ ކެމްޕެއިން މުއްދަތު ނޮވެމްބަރު 28 ގައި ފެށޭއިރު، އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުން މިހާރު އަންނަނީ އާންމުންގެ ތާއީދު ހޯދުމަށް އިންޑޮނޭޝިއާގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަމުންނެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ނަންތައް އިއުލާނުކޮށްފައިވާއިރު، އިންޑޮނޭޝިއާގެ ރައީސް ވިޑޯޑޯ މިހާރު އުޅުއްވަނީ އެމެރިކާއަށް ކުރައްވާ ދަތުރުފުޅެއްގައެވެ. އެމެރިކާއަށްފަހު ސެން ފްރެންސިސްކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 30 ވަނަ އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕީއީސީ) ސަމިޓްގައިވެސް ވިޑޯޑޯ ބައިވެރިވެވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް