ޕީއެސްއެމްގެ އާ އެމްޑީއަކަށް ޒީނާ ޒާހިރު

ޕީއެސްއެމްގެ އެމްޑީއަކަށް އައްޔަން ކުރަން ނިންމާފައިވާ ޒީނާ ޒާހިރު --

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި، ދައުލަތުގެ މީޑިއާކަމަށްވާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު ޒީނާ ޒާހިރު އައްޔަންކުރަން ނިންމައިފިއެވެ.

ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އަންހެން ބޭފުޅަކު ހަމަޖައްސަވަން ނިންމަވައިފައިވާކަމަށް އެންމެ ފުރަތަމަ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިރޭ ސޯޝަލް ސެންޓަރުގައި އެ މަނިކުފާނު ނޫސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ނަމަވެސް އެއީ ކޮން ބޭފުޅެއްކަމަށް ވިދާޅުނުވި ނަމަވެސް އެ މަނިކުފާނުވަނީ އެ ބޭފުޅާ ވެސް އެ ބައްދަލުވުމުގައި އިންނެވިކަމަށް ވިދާޅުވެފައެވެ.

"އެގޮތުން މި ފަހަރު ވެގެންދާނީ ދައުލަތުގެ މީޑިއާ ކުންފުނި، ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރަކަށް ވެސް ވަޑައިގަންނަވާނީ އަންހެން ބޭފުޅެއް. މި ތަނުގައި އެ ބޭފުޅާ އެބަ އިންނެވި،" މަދުވެގެން ދައުލަތުގެ އަށް ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވާނީ އަންހެން ބޭފުޅުންކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވިދާޅުވިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ޑރ. މުއިއްޒު ނިންމަވައިފައިވަނީ ޕީއެސްއެމްގެ އެމްޑީކަމަށް ޒީނާ ހަމަޖައްސަވާށެވެ.

ޒީނާވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާޒް ތައުލީމް ހާސިލްކުރައްވައިފައެވެ.

ޒީނާއަކީ 2006ވަނަ އަަހަރު ނޫސްވެރިކަން ފެއްޓެވި ބޭފުޅެކެވެ. މި ދާއިރާގައި 17 އަހަރު ހޭދަކުރައްވައިފައިވާއިރު އެކި މަގާމުތައްވަނީ އަދައިކުރައްވައިފައެވެ. މިއަދު ޒީނާ ގެންދަވަނީ އޭނާގެ އަމިއްލަ މެގަޒިނެއްކަމަށްވާ 'ޒީ ޓައިމްސް' ހިންގަވަމުންނެވެ.

comment ކޮމެންޓް