އީވާއަށް ނަޝީދުގެ މައްސަލައިގެ ރިޔާސަތު ނުބެލެހެއްޓެވޭނެ: ގާސިމް

ރައީސް މުޙައްމަދު ނަޝީދާއި ގާސިމް އިބްރާހީމް -- ސަން ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއަށް ބޭބޭފުޅު އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ ކުރީގެ ރައީސް އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގެ ދެ ޖަލްސާއެއް ބޭއްވުމަށް އެޖެންޑާ ކުރިއެވެ. އެއީ ބަޖެޓު ހުށަހެޅުމާއި ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެވެ.

މަޖިލީހުގެ ކޯރަމް ހަމަނުވާތީ ބަޖެޓު ހުށަހެޅުމުގެ ޖަލްސާ ކުރިއަށް ނުގެންދެވުނެވެ. އަދި ނަޝީދުގެ ގަރާރު އެޖެންޑާ ކުރި ޖަލްސާ ފެއްޓުމާއެކު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެންބަރުން އަޑުގަދަ ކުރުމުން ޖަލްސާ ދެ ފަހަރު ވަނީ މެދުކަނޑާލާފައެވެ.

ތިން ވަނަ ފަހަރަށް ޖަލްސާ ފަށައި، އީވާ ވިދާޅުވީ ޖަލްސާ ކުރިއަށް ނުގެންދެވުނީ އެމްޑީޕީއާއި އެކަމަނާ ވެސް ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ ވެސް ސަބަބުން ކަމަށެވެ.

ޖަލްސާގައި މެންބަރުން އަޑުގަދަ ކުރަމުން ދިޔުމުން އީވާ ބައެއް މެންބަރުންނަށް ނިޒާމީ މައްސަލަ ފާހަގަ ކުރެއްވުމުގެ ފުރުސަތު ދެއްވިއެވެ. އެގޮތުން ގާސިމަށް ވެސް ނިޒާމީ ނުކުތާއެއް ފާހަގަކުރަން ފުރުސަތު ދެއްވިއެވެ.

ގާސިމް ވިދާޅުވީ، ގަރާރުގެ މަސައްކަތް ކުރުމަށް ފުރުސަތު ނުދެއްވައި، އީވާ ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ މެންބަރުން މަޖިލީހުގައި ހަޅުތާލުކޮށް ނިޒާމު ނަގާލަން ފުރުސަތު ދެއްވާ ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ މަސްލަހަތަށް ނިކަމެތިކަން ގެނުވާ ފަދަ އަމަލުތައް ފެނުނު ނަމަވެސް އީވާ އެ ކަންތައްތައް ނުހުއްޓުވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

އެހާ ހިސާބުން އީވާ ވާހަކަ ދައްކަވަން ފެއްޓެވުމުން، ގާސިމް ވިދާޅުވީ ނަޝީދުގެ މައްސަލައިގައި އީވާގެ މަސްލަހަތު އޮތުމުން އެކަމަނާއަށް އެ މައްސަލައިގެ ރިޔާސަތުގައި ނުހުންނެވޭނެ ކަމަށެވެ.

"މަޖިލީހުގެ ނައިބު ރައީސަށް އެ މައްސަލަ މިހާރު ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ނުވެސްގެންދެވޭނެ އެއީ ކަނޑައެޅިގެން ކަމަނާގެ މަސްހަލަތު ފުށުއަރާ ކަމެއް،" ގާސިމް ވިދާޅުވިއެވެ.

އާ ގާނޫނު އަސާސީ އެކުލަވާލުމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި އަދި މަޖިލީހުގެ ރައީސްކަން މީގެ ކުރިން ކުރައްވާފައިވާ ގާސިމް ދެން ގޮވާލެއްވީ އީވާ ރިޔާސަތުން ފައިބައިވަޑައިގަތުމަށެވެ.

ރިޔާސީ އިންތިޚާބުގައި، ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވާދަކުރެއްވިއިރު، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމްގެ ތާއިދު ހޯދުމަށް އެ ޕާޓީން ގިނަ މަސައްކަތްތަކެއް ކުރިއެވެ.

comment ކޮމެންޓް