ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ޚާރިޖީ ޚިދުމަތުގެ ދާއިރާ ބައްޓަންކުރުމަށް ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މުހިންމު ބަދަލެއް ގެނެވުނު ކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ޚާރިޖީ ޚިދުމަތުގެ އެންމެ މަތީ ޝަރަފު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ޚިދުމަތުގެ ދާއިރާއަށް ގެނެވުނު އެންމެ މުހިންމު ބަދަލަކީ، މިދިޔަ އަހަރު، ސިވިލް ސާވިސްގައި ނުހިމެނޭ ވަކި ޚިދުމަތެއްގެ ގޮތުގައި ފޮރިން ސާވިސް އުފެއްދުން ކަމަށެވެ.
އެގޮތުން ދިވެހި ޚާރިޖީ ޚިދުމަތައް އެ ބަދަލު ގެނައީ ވަަރަށް މުހިންމު މަގުސަދެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އިރެއްގައި އޮންނަ ސަރުކާރަކުން ކަނޑައަޅާ ޚާރިޖީ ސިޔާސަތުތައް ދަމަހައްޓާ ނެގެހެއްޓުުމުގައި އެންމެ ފުރިހަމަ މާނައިގައި އެ އިރެއްގައި އޮންނަ ސަރުކާރަކަށް އެހީތެރިވެދިނުމުގެ މަގްސަދުގައި ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.
"ޚާރިޖީ ދާއިރާގެ އެންމެހާ މުވައްޒަފުން މިހާރު ވެސް ތިއްބެވީ އެގޮތުގައި. އަދި ކުރިމަގުގައި ދެމިތިއްބަވާނީ ވެސް އެގޮތުގައި ކަމާމެދު ފުރިހަމަ އިތުބާރު އަޅުގަނޑުގެ އެބައޮތް،" ރައީސް ޞާލިޙު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ޚާރިޖީ ސިޔާސަތު ބައްޓަންކޮށްފައި އޮތީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ މައްޗަށް ކަމަށެވެ.
ސަބަބަކީ މިސަރުކާރު އައިއިރު ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެފައި ކަމަށާއި، ބައިނަލްއަޤުވާމީ ޖަމާއަތްތަކާ ދެމެދު އޮންނަ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އަދި ބައެއް އިސްލާމީ ގައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން ކެނޑިފަ އޮތީ. އެއީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ދެރައެއް އަދި ނިކަމެތިކަމެއް،" ރައީސް ޞާލިޙު ވިދާޅުވިއެވެ.
"ދެން މި ސަރުކާރުން އެ ގުޅުންތައް އަލުން ގާއިމްކޮށް، ބައިނަލްއަގުވާމީ މުޖުތަމައުގަ ރާއްޖެއާ މެދު އަލުން އެ އިތުބާރާ ޔަގީންކަން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަން ފެށީ،"
ދިވެހިރާއްޖެއަށް އަލުން އަނބުރާ އެ އިތުބާރާއި ޔަގީންކަން ހޯއްދެވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި، އެ މަނިކުފާނަށް ރައީސް ވަނީ ޝުކުރު އަދާކުރެއްވާފައެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ބައިނަލްއަގުވާމީ މަޝްރަހުގައި ޖެހި ދިދަ މިހާރަށް ވުރެ އުހުގައި ވިހުރެމުން ދިއުމަކީ އެ މަނިކުފާނުގެ އުންމީދު ކަމަށެވެ.
މި ރަސްމިއްޔާތުގައި ރައީސް ޞާލިޙު ވަނީ ޚާރިޖީ ޚިދުމަތުގެ އެންމެ މަތީ ޝަރަފު، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޚަލީލަށާއި، ފޮރިން ސެކްރެޓެރީ ކަމުގެ މަގާމުގައި ހުންނެވި އަޙްމަދު ލަޠީފަށް އަރުވައިފައެވެ.
އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާ ކަމާއެކު ބެލެހެއްޓުމުގައި އެ ބޭފުޅުން ކުރެއްވި މަސައްކަތާއި ސަރުކާރަށް ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.