ޚާރިޖީ ޚިދުމަތުގެ އެންމެ މަތީ ޝަރަފު، ޚަލީލަށާއި ލަޠީފަށް އަރުވައިފި

ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ގަލޮޅު އުތުރުގޭ އަޙްމަދު ޚަލީލަށް ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު ރައީސް ޞާލިޙު އަރުއްވަނީ-- ފޮޓޯ/ ރައީސް އޮފީސް

ޚާރިޖީ ޚިދުމަތުގެ އެންމެ މަތީ ޝަރަފު، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޚަލީލަށާއި، ފޮރިން ސެކްރެޓެރީ ކަމުގެ މަގާމުގައި ހުންނެވި އަޙްމަދު ލަޠީފަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަރުވައިފިއެވެ.

މި ބޭފުޅުންނަށް ޝަރަފު އަރުވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއަޔާތެއްގައެވެ.

ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި މި ދެ ބޭފުޅުންނަށް ރައީސް ޞާލިޙު އެރުއްވީ މެޑެއްޔަކާއި، އައްޑަނައަކާއި، ހަނދާނީ ލިޔުމެކެވެ.

މި ބޭފުޅުންނަކީ ޚާރިޖީ ދާއިރާގައި ވަރަށްދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރެއްވުމަށްފަހު، މަޤާމުން ވަކިވެވަޑައިގަންނަވާ ދެ ބޭފުންނެވެ.

ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވި އަޙްމަދު ޚަލީލަކީ، ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 41 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ފަރާތެކެވެ. މެދުކެނޑުމެއްނެތި މި ދާއިރާގެ އެންމެ އާދައިގެ މަގާމުތަކުން ފެށިގެން އެންމެ މަތީ ފަންތީގެ ގިނަ މަގާމުތަކެއްގައި ހުންނަވައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ.

އަޙްމަދު ޚަލީލް ރާއްޖޭގެ ޚާރިޖީ ދާއިރާގެ ޚިދުމަތާ ގުޅިވަޑައިގަތީ، 22 ޑިސެންބަރު 1981 ގައެވެ. ޚަލީލް އެންމެ ފުރަތަމަ އަދާކުރެއްވީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އިނގިރޭސި ސެކްރެޓެރީގެ ވަޒީފާއެވެ. އަޙްމަދު ޚަލީލް، ޚާރިޖީ ދާއިރާގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ، އ.ދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައެވެ. މިގޮތުން، ނިއުޔޯކްގެ ދާއިމީ މިޝަންގައި 17 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަޙްމަދު ޚަލީލް ވަނީ ޚިދުމަތް ކުރައްވާފައެވެ.

އަދި، އަޙްމަދު ޚަލީލަކީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމުގެ މަޤާމުވެސް ހަތް އަހަރު ދުވަހު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓެރީ، ބައިލެޓްރަލްގެ މަޤާމަށް، 3 އޮކްޓޫބަރު 2016 ގައި އަޙްމަދު ޚަލީލް ހަމަޖެއްސެވިއެވެ. އަދި މިހާރު ހުންނެވި މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ކަމުގެ މަގާމަށް އައްޔަންކުރައްވައިފައި ވަނީ 22 ނޮވެންބަރު 2018 ގައެވެ.

ފޮރިން ސެކްރެޓެރީ ކަމުގެ މަގާމުގައި ހުންނެވި ހެންވޭރު ސީވީޑް އަޙްމަދު ލަޠީފަށް ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު ރައީސް ޞާލިޙު އަރުއްވަނީ-- ފޮޓޯ/ ރައީސް އޮފީސް

ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު މިއަދު އެރުވި ފޮރިން ސެކްރެޓެރީ އަޙްމަދު ލަޠީފް، ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 26 ނޮވެންބަރު 1981 ގައެވެ. ފުރަތަމަ އަދާކުރެއްވީ، އޭރުގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ އެސިސްޓެންޓް އަންޑާ ސެކްރެޓެރީ ކަމުގެ މަޤާމެވެ.

ޚާރިޖީ ދާއިރާގައި އަޙްމަދު ލަޠީފް ގިނަ އަހަރުތަކެއް ހޭދަކުރައްވާފައި ވަނީ ދޭދޭ ޤައުމުތަކާއި، ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ވަކިން ޚާއްޞަކޮށް، ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން، ސާކް ފަދަ ސަރަޙައްދީ ޖަމުޢިއްޔާތަކާއެކު ދިވެހިރާއްޖޭގެ ގުޅުން ބަދަހިކުރެއްވުމުގެ މަސައްކަތުގައެވެ.

އަޙްމަދު ލަޠީފަކީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓާ ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

މި ދެބޭފުޅުންނަށް ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ދިވެހި ދައުލަތުގެ އެންމެމަތީ މަސްލަހަތު ހިފެހެއްޓެވުމަށާއި، އަދި ބޭރު ޤައުމުތަކާއި، ބައިނަލްއަޤްވާމީ ޖަމިއްޔާ ޖަމާއަތްތަކާއި، ރާއްޖެއާ ދެމެދު އުފެދިފައިވާ ގާތް ގުޅުން ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު އަގުވަޒަންކުރެއްވުމަށެވެ.

އަދި ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ކުރައްވާފައިވާ މަސައްކަތްތަކާއި، ބޭރުގެ އެކި ޤައުމުތަކުންނާއި، ބައިނަލްއަޤްވާމީ އެކިއެކި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ރާއްޖެއަށް ލިބިފައިވާ އެހީތެރިކަމާއި އެއްބާރުލުމުގައި މި ދެބޭފުޅުން ވެދެއްވާފައިވާ ހިއްސާ ފާހަކަކުރެއްވުމަށެވެ.

comment ކޮމެންޓް