ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ޚާއްސަ ހައްޖު ޖާގައަށް އެދުމުގެ ފުރުސަތު ހުޅުވައިލައިފި

ދިވެހި ޙައްޖު ވެރިން--- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ފުރާނައަށް ގެއްލުންވާ ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚާއްސަ ހައްޖު ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މިއަދު ހުޅުވައިލައިފިއެވެ.

މިކަމާ ގުޅިގެން އެ ކުންފުނިން ނެރުނު އިއުލާނެއްގައި ވަނީ މިއަހަރު ހައްޖަށް ދިއުމަށް ފައިސާ ދައްކާ، ހައްޖަށް ދާ މީހުންްގެ ލިސްޓަށް ނަން އަރައިފައިވާ މީހުންގެ ތެރެއިން ފުރާނައަށް ނުރައްކާވާ ފަދަ ބޮޑު ބައްޔެއް ތަހައްމަލު ކުރަމުންދާ މީހުންނަށް ޚާއްސަ ފުރުސަތެއް ދިނުމަށް ނިންމައިފައިވާ ކަމަށެވެ.

އެހެންނަމަވެސް އެ ކުންފުނިން ބުނީ މި ފުރުސަތު ލިބޭނީ ހައްޖުގެ ފަރުލު އަދި މިހާތަނަށް އަދާ ކޮށްފައި ނުވާ މީހުންނަށް ކަމަށެވެ.

އެގޮތުން އެ ފަރާތްތަކަށް ޚާއްސަ ކުރެވޭ މި ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވައިލައިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ޖާގަ އަށް އެދި ހުށަހަޅާ ފަރާތްތަކުން، ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ޚާއްސަ ޖާގައަށް އެދޭ ފޯމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީގެ އިތުރުން އެ ކުންފުނިން ކޮށްފައިވާ އިޢުލާނާއި އެކު ޝާއިއު ކުރެވިފައިވާ ހެލްތް ސެޓިފިކޭޝަން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

މި ޚާއްސަ ހައްޖުގެ ޖާގައަށް ހުށަހަޅާ ހުށަހެޅުންތައް މި މަހުގެ 24 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ބަލައިގަންނާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ހައްޖުގެ މާތް އަޅުކަން ދެން އޮންނާނީ އަންނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.

comment ކޮމެންޓް