ހިތްދަތިގޮތަކަށް ވުލްވްސް އަތުން ބަލިވެ، ސްޕާސްއަށް ދަތިތަކެއް

ވުލްވްސް އިން މިމެޗް ކާމިޔާބުކުރީ އިތުރު ވަގުތުގައި ކާމިޔާބު ކުރި ދެ ލަނޑުން / ފޮޓޯ: ދި އެތުލެޓިކް

އިންގްލިޝް ޕްރިމިއާ ލީގުގައި ވުލްވަހެމްޕްޓަން ވޮންޓަރާސް އަތުން ބަލިވެ ތާވަލުގެ އެއްވަނައަށް އެރުމަށް ޓޮޓްނަމް ހޮޓްސްޕާއަށް ލިބިގެންދިޔަަ ފުރުސަތު ގެއްލުވާލައިފިއެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރީ ފަހަތުން އަރައި 2 ލަނޑު އެއްލަނޑުންނެެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ސްޕާސްއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ވުލްވްސްއިންނެވެ. ޕްރިމިއާ ލީގުގެ މި ސީޒަންގައި މިދިޔަ ހޯމަ ދުވަހު ފުރަތަމަ ފަހަރަށް މެޗަކުން ބަލިވި ސްޕާސް މި މެޗު ފެށީ ވަރަށް ފޯމުގައެވެ. މެޗުގެ ތިންވަނަ މިނެޓްގައި އެ ޓީމުން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެނަން ޖޯންސަންއެވެ.

ނަމަވެސް މި ގޮތުގައި ސްޕާސްއަށް މާ ގިނައިރު އޮވެވޭގޮތެއް ނުވިއެވެ. ވުލްވްސްއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ސްޕާސްގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ. އަދި، ރަނގަލު ހަމަލާތަކެއް ވެސް އުފައްދާފައިވެއެވެ. ހާއްސަކޮށް ހުވާންގް ހީ ޗޭން އާއި ސަސާ ކަލައިޑްޒިޗަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވުނެވެ.

މެޗު ސްޕާސްއަށް ކާމިޔާބުވެގެން ނިމިދާނެކަމަށް ހީވެފައިވަނިކޮށް މެޗުގައި ވުލްވްސްއަށް ދިރުން ގެނެސްދިނީ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ޕަބްލޯ ސަރާބިއާ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމާ އެކުއެވެ. މެޗުން ވުލްވްސް މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ހަތްވަނަ މިނެޓްގައި ސަރާބިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މާރިއޯ ލެމިނާއެވެ.

މި ކާމިޔާބީއާ އެކު ވުލްވްސް މިހާރު ވަނީ 12 މެޗުން ލިބިފައިވާ 15 ޕޮއިންޓާ އެކު ތާވަލްގެ 11 ވަނައަށް ކުރިއަށް ޖެހިލާފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މި ސީޒަންގައި ވުލްވްސްއާ ހަވާލުވި ގެރީ އޯ ނީލް ހާމަކުރި ގޮތުގައި އޭނާގެ ޓީމަކާ މެދު މިއީ އެންމެ ފަހުރު ވެރިވި ފަހަރު ކަމަށެވެ. މެޗުގައި އޭނާގެ ކުޅުންތެރިން ދެއްކީ ވަރަށް މޮޅު ކުޅުމެއް ކަމަށާއި މެޗުން ބަލިވި ނަމަވެސް އެ ކުޅުންތެރިންނާ މެދު ފަހުރުވެރިވީސް ކަމަށް އޭނާ ބުންޏެވެ.

މެޗުން ބަލިވުމާ އެކު ސްޕާސް ވަނީ މި ސީޒަންގައި ޖެހިޖެހިގެން ދެވަނަ މެޗުން ބަލިވެފައެވެ. އަދި، ތާވަލުގެ އެއްވަނައަށް އަރަން ލިބިގެންދިޔަ ފުރުސަތު ވެސް ގެއްލިގެން ގޮސްފައެވެ. މި ނާކާމިޔާބީގެ ސަބަބުން ސްޕާސް މިހާރު ވަނީ 26 ޕޮއިންޓާ އެކު ތާވަލުގެ ތިންވަނައަށް ވެއްޓިފައެވެ.

comment ކޮމެންޓް