އަންނަ ހުކުރު ދުވަހު މަގާމާ ހަވާލުވެލައްވާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް ކާމިޔާބީއަށް އެދޭ ކަމަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު އެދެނީ އާ ސަރުކާރަށް ކާމިޔާބީ ލިބި ރައްޔިތުންނަށް ޞުލްޙަވެރި އުފާވެރި އަމާން ދުވަސްތަކެއް ލިބިގެން ދިއުމަށް ކަމަށެވެ.
"އަޅުގަނޑު އެދެނީ އާ ސަރުކާރަށް ކާމިޔާބީ. ދިވެހި ޤައުމަށް ނަޞްރާއި ނަޞީބާއި ކާމިޔާބު މިންވަރު ކުރެއްވުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު ކަމަށެވެ.
"މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބުތަކާއި، ވެރިކަން ބަދަލުވެގެންދިޔުން މިފަހަރު މިދިޔަ ގޮތަށް ހިނގަމުންދާތަން ދިވެހިރައްޔިތުން ދެކޭހިތްވާނެ ކަމަށެވެ.
"މި ހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި، ޤައުމުގައި އެކަން އަށަގެންނެވުމަކީ، ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްއޫލިއްޔަތެއް. ސަރުކާރުތައް ބަދަލުވާނެ. ވެރިން އައިސް ގޮސްވާނެ. ޤާއިމްވެ، ދާއިމްވެ، ދެމިއޮންނާނީ ޤައުމާއި ރައްޔިތުން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި އޮތް ބިރުވެރިކަން ނައްތާލެވިއްޖެ ކަމަށެވެ. އަދި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކާމިޔާބީތައް ހޯދީ ކޮވިޑް ފަދަ އާލަމީ ވަބާގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ.
ފަންސާސް ފަސް އަހަރު ފުރުނު ޖުމްހޫރީ ދުވަހަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ އަމިއްލަވަންތަ އިސްލާމީ، މިނިވަން ޖުމްހޫރީ މި ދައުލަތުގެ ކީރިތިކަމާއި މޫރިތިކަން ބޮޑު ކަމަށެވެ.
"މި ފާއިތުވި 55 އަހަރު އެންމެ ހިނދުކޮޅަކަށް ވެސް އެކަން މި ރާއްޖެއިން ފިލައިނުދޭ. މިއަދު ވެސް އަޅުގަނޑުމެން ފާހަގަކުރަމުން މިދަނީ އެ އުފަލާއި ފަޚްރު. އަދި އަންނާން އޮތް ކިތަންމެ 55 އަހަރާއި ދުނިޔެ ޢުމުރަށް، މިނަޞީބުގައި ދިވެހިން ވާށި." ރައީސް ވިދާޅުވިއެވެ.