މެޑިސަން އާއި ވެން ޑެ ވެންއަށް އަނިޔާއެއް، ޓޮޓެންހަމްއަށް އުނދަގޫތަކެއް

ޓޮޓެންހަމްގެ އިނގިރޭސި މިޑްފީލްޑަރު ޖޭމްސް މެޑިސަންއަށް އަނިޔާވުން -- ފޮޓޯ/ ގެޓީ

ޓޮޓެންހަމް ހޮޓްސްޕާގެ އިނގިރޭސި މިޑްފީލްޑަރު ޖޭމްސް މެޑިސަން އާއި ނެދަލެންޑްސް ޑިފެންޑަރު މިކީ ވެން ޑެ ވެންއަށް އަނިޔާވެ، ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

މިސީޒަނުގައި ޓޮޓެންހަމްގެ ނަތީޖާތަކުގައި އެންމެ އިސް ދައުރެއް އަދާކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މެޑިސަން އާއި ވެން ޑެ ވެންއަށް ވެސް އަނިޔާވެފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 4-1ގެ ނަތީޖާއަކުން ބަލިވި މެޗުގައެވެ. އެއީ މިސީޒަނުގެ ޕްރިމިއާ ލީގުގައި ޓޮޓެންހަމް ބަލިވި ފުރަތަމަ މެޗެވެ.

އެ މެޗުގައި މެޑިސަން އާއި ވެން ޑެ ވެން ވެސް އަނިޔާއާ ގުޅިގެން ބަދަލުކޮށްފައިވަނީ ފުރަތަމަ ހާފު ނިމެނިކޮށެވެ. މެޑިސަންގެ ފަޔަށް އަނިޔާވެފައިވާ އިރު، ވެން ޑެ ވެންގެ ފައިގެ މަސްގަނޑަށް ވަނީ އަނިޔާވެފައެވެ. މެޑިސަން އާއި ވެން ޑެ ވެން މިއަހަރުގެ މެޗެއްގައި ދެން ނުފެންނާނެކަން ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

"ވެން ޑެ ވެންގެ ފައިގެ މަސްގަނޑަށް ވަނީ އަނިޔާވެފައި، ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ. އެހެންވީމާ އޭނާއަށް ދެން ކުޅުމުގައި ބައިވެރިވެވޭނީ މިއަހަރު ނިމުމުން. މެޑިސަންގެ ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން ވަނީ ސްކޭންތަކެއް ހަދާފައި. އޭނާއަށް ވެސް ދެން މިއަހަރުގެ މެޗެއްގައި ނުކުޅެވޭނެ،" ޕްރިމިއާ ލީގުގައި މިއަދު ވޮލްވްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޓޮޓެންހަމްގެ ކޯޗު ޕޮސްޓެކޮގްލޫ ބުންޏެވެ.

ޓޮޓެންހަމްގެ ނެދަލެންޑްސް ޑިފެންޑަރު މިކީ ވެން ޑެ ވެންއަށް އަނިޔާވުން -- ފޮޓޯ/ ގެޓީ

މެޑިސަން އާއި ވެން ޑެ ވެންއަށް އަނިޔާވުމާ ގުޅިގެން ޓޮޓެންހަމްއަށް ވަނީ އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. ބްރެޒިލް ފޯވަޑް ރިޗާލިސަން ސާޖަރީއެއް ހަދާފައިވުމުން ދުވަސްތަކެއް ކުޅުމާ ދުރުގައި ހުންނަން ޖެހޭ އިރު، ޑެސްޓިނީ އުޑޮގޯ އަދި ކްރިސްޓިއަން ރޮމޭރޯ ހުރީ ސަސްޕެންޝަންގައެވެ.

މިސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުންދާ ޓޮޓެންހަމްއަށް ޕްރިމިއާ ލީގު ތާވަލުގެ އެއްވަނަ ވެސް ލިބިގެންދިޔައެވެ. ނަމަވެސް ޗެލްސީ އަތުން ބަލިވުމާއެކު ޓޮޓެންހަމް ވަނީ ދެވަނައަށް ވެއްޓިފައެވެ. މިހާރު އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމްއާ ދެމެދު އޮތީ އެއް ޕޮއިންޓުގެ ފަރަގެކެވެ.

comment ކޮމެންޓް