ކެރިއަރުގައި އާޖެންޓީނާ ތަރި ލިއޮނެލް މެސީއާއެކު ކުޅުމުގެ ފުރުސަތު ނުލިބުމަކީ ހިތާމައެއް ކަމަށް ރެއާލް މެޑްރިޑް އަދި ފްރާންސްގެ ފުޓުބޯޅަ ލެޖެންޑް ޒައިނުއްދީން ޒިދާން ބުނެފިއެވެ.
ޒިދާންގެ ކާމިޔާބު ކެރިއަރުގައި އޭނާ މެސީއާ ދެކޮޅަށް ނުކުމެފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 2005 ވަނަ އަހަރު ސްޕެނިޝް ލަލީގާގައި 3-0ގެ ނަތީޖާއަކުން ބާސެލޯނާ އަތުން ރެއާލް ބަލިވި މެޗެވެ. އެ މެޗުގައި މެސީ ވަނީ އެސިސްޓެއް ވެސް ހަދައިފައެވެ.
އެޑިޑާސް އިން އިންތިޒާމުކުރި ޕްރޮގްރާމެއްގައި ޒިދާނާއި މެސީއާ ދެމެދު ވަނީ ވާހަކަތަކެއް ދެކެވިފައެވެ. އެ ވާހަކަތަކުގެ ތެރޭގައި މެސީއާއެކު ކުޅުމުގެ ފުރުސަތު ބޭނުންވިކަން ޒިދާން ފާހަގަކުރިއެވެ.
"މެސީއާއެކު ކުޅުމުގެ ފުރުސަތު ނުލިބުމަކީ ހިތާމަކުރާ ކަމެއް. މިއީ އަހަރެންނަށް މެސީއަށް ބޯޅަ ޕާސްކުރުމަށް ލިބޭ ވަގުތުކޮޅު. މިއަދަކީ މި ވާހަކަތައް އޭނާއާ ހިއްސާކުރުމަށް ލިބޭ ވަރަށް މުހިންމު ދުވަހެއް. މެސީއަކީ އަހަރެން ލޯބިކުރާ ކުޅުންތެރިއެއް. އޭނާއަކީ ހަގީގީ ޖާދޫ،" ޒިދާން ބުންޏެވެ.
ޒިދާން ތައުރީފުކުރުމާއެކު އަށް ފަހަރު ބެލޮންޑިއޯ އެވޯޑު ކާާމިޔާބުކޮށްފައިވާ މެސީ ބުނީ ޒިދާން ކުޅުނު ދުވަސްވަރު އަބަދުވެސް އޭނާ ދެކެ ލޯބިކުރި ކަމަށާއި ރެއާލަށް ޒިދާން ކުޅުނު ދުވަސްވަރު އޭނާގެ ކުޅުމަށް ބަލަމުންދިޔަ ކަމަށެވެ. އަދި ޒިދާންގެ ސަބަބުން ބާސާއަށް ހިތާމަވެރި ދުވަސްތަކެއް ހޭދަކުރަން ޖެހުނުކަން ވެސް މެސީ ފާހަގަކުރިއެވެ.
އެ ޕްރޮގްރާމުގައި މެސީ އަދި ޒިދާން ވަނީ ގިނަ ކަންތައްތަކަކާ ގުޅޭ ވާހަކަތަކެއް ދައްކައިފައެވެ. އެގޮތުން ދެ ތަރިން ވެސް ފާހަގަކޮށްފައިވާ ގޮތުގައި އެންމެ ހާއްސަ ކަމަކީ ވޯލްޑް ކަޕް ފައިނަލުގައި ގޯލު ޖެހުމެވެ.