ރައީސް މާދަމާ ގައުމާ މުޚާތަބު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މާދަމާ ހެނދުނު ގައުމާ މުޚާބާތު ކުރައްވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ޞަލިޙް މާދަމާ ގައުމާ މުޚާތަބު ކުރައްވާނެ ކަމަށެވެ. އެ މަނިކުފާނު ޤައުމާ މުޚާޠަބު ކުރައްވާނީ ރާއްޖޭގެ ޚަބަރު ފަތުރާ ވަޞީލަތްތައް މެދުވެރިކުރައްވައި މާދަމާ ހެނދުނު 10:00 ޖަހާއިރެވެ.

މިއީ، މި މަހު 17އަށް ރިޔާސީ ދައުރު ހަމަވާ ރައީސް ޞާލިޙް ގައުމާ މުޚާތަބު ކުރައްވާ ފަހު ފަހަރަށްވުން ގާތެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ދުނިޔޭގެ އަލިކަން ދުށީ 1 ޖެނުއަރީ 1953 ގައެވެ. ނަމަވެސް މި ޖުމްހޫރީ ދެމިއޮތީ ހަތް މަހާއި ދުވަސްކޮޅަކުއެވެ. އަނެއްކާ ވެސް ރަސްކަމަކަށް ބަދަލުކުރީއެވެ. އެއީ 7 މާޗް 1954 ގައެވެ. މި ފަހަރު ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން މުޙަންމަދު ފަރީދުލްއައްވަލްއެވެ. މުޙަންމަދު ފަރީދުގެ ރަސްކަން 1968 ވަނަ އަހަރާ ހަމައަށް ދެމިއޮތުމަށް ފަހު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމު ކުރެވުނެވެ. އެއީ، 11 ނޮވެމްބަރ 1968 ގައެވެ. ރައީސަކަށް އިންތިޚާބު ކުރެވުނީ އަލްފާޟިލް އިބްރާހީމް ނާޞިރެވެ.

ރާއްޖޭގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރެވެމުންމި ދަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެއީ، ކުރީން އޮތް ގޮތުން ނަމަ އިންތިޚާބީ އާ ރައީސް ހުވާ ކުރައްވާ ދުވަހެވެ.

އެކަމަކު، 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލު ކުރުމާ އެކު އެ ފަހަރުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުވާ ކުރެއްވުނީ އެ އަހަރުގެ ނޮވެމްބަރު 17 ގައެވެ.

އެހެންވެ، އޭގެ ފަހުން އިންތިޚާބީ ރައީސުން ހުވާ ކުރައްވަނީ ނޮވެމްބަރު 17 ގައެވެ.

comment ކޮމެންޓް