ރައީސްގެ ދެކަނބަލުން މުލީއާގެއިން ނުކުމެވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ދެކަނބަލުން މުލިއާގޭ ބޭރުގައި -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު މުލީއާގެ ދޫކުރައްވާ ނުކުމެވަޑައިގެންފިއެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުން މުލީއާގެ ދޫކުރައްވައި ވަޑައިގެންނެވީ ފަސްޓް ލޭޑީ ފަޒުނާ އަހުމަދުގެ އާއިލީ ގެކޮޅު މ. ސަނީއިންއަށެވެ.

ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ނޮވެމްބަރު 17 ވަނަ ދުވަހު ހުވާކުރައްވާ ރައީސް ޞާލިޙުގެ ދެކަނބަލުން މުލީއާގެއަށް ބަދަލުވެވަޑައިގަތީ، އެ މަހުގެ 30 ވަނަ ދުވަހުއެވެ.

ރައީސްގެ ދެކަނބަލުން މުލީއާގެ ދޫކުރެއްވި ނަމަވެސް، ހުވާކުރެއްވުމަށް ފަހު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ދިރިއުޅުން މުލީއާގެއަށް ބަދަލުކުރައްވާނެކަން މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

މުލީއާގެ ބިނާކޮށްފައި ވަނީ އައްސުލްޠާން މުހައްމަދު ޝަމްސުއްދީންގެ ވެރިކަމުގައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެސް ވަގުތީ ގޮތުން މުލީއާގޭގައި ދިރިއުޅުއްވިއެވެ. އެއީ، 1994 ވަނަ އަހަރު ތީމުގޭ މިހާރު ހުރިގޮތަށް އިމާރާތްކޮށް ނިމެންދެނެވެ.

އެއަށް ފަހު 2008 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނު 2012 ވަނަ އަހަރު އިސްތިއުފާ ދެއްވުމާ ހަމައަށް އުޅުއްވާފައި ވަނީ މުލީއާގޭގައެވެ.

އޭގެ ފަހުން، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެ މަނިކުފާނު މުލީއާގެ ބޭނުންކުރައްވާފައި ވަނީ އެ މަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅު ކުރެއްވުމަށެވެ. މުލީއާގެއަށް ދިރިއުޅުން ބަދަލުކުރެއްވުމުގެ ބަދަލުގައި ދިރިއުޅުއްވީ އެ މަނިކުފާނުގެ އަމިއްލަފުޅު ގެކޮޅުގައެވެ.

comment ކޮމެންޓް