ޒިދާން އާއި މެސީއަށް ވެސް އެންމެ ޚާއްޞަ ކަމަކީ ވޯލްޑް ކަޕް ފައިނަލުގައި ގޯލު ޖެހުން!

ފްރާންސްގެ ފުޓުބޯޅަ ލެޖެންޑް ޒައިނުއްދީން ޒިދާން(ކ) އަދި އާޖެންޓީނާ ތަރި ލިއޮނެލް މެސީ(ވ) -- ފޮޓޯ/ ގެޓީ

އެންމެ ޚާއްޞަ ކަމަކީ ވޯލްޑް ކަޕްގެ ފައިނަލުގައި ގޯލު ޖެހުން ކަމަށް އާޖެންޓީނާ ތަރި ލިއޮނެލް މެސީ އަދި ފްރާންސްގެ ފުޓުބޯޅަ ލެޖެންޑު ޒައިނުއްދީން ޒިދާން އިއްތިފާގުވެއްޖެއެވެ.

ފްރާންސް އާއި ރެއާލް މެޑްރިޑުގެ ލެޖެންޑް ޒިދާން ވަނީ އެމެރިކާގެ ފްލޮރިޑާއަށް ދަތުރުކޮށް، އިންޓަ މަޔާމީއަށް ކުރި ޒިޔާރަތެއްގައި އަށް ފަހަރު ބެލޮންޑިއޯ އެވޯޑު ހޯދާފައިވާ މެސީއާ ވާހަކަތަކެއް ދައްކައިފައެވެ.

އެ ބައްދަލުވުމުގެ ތެރެއިން ދެ ތަރިންނާ ވަނީ ސުވާލުތަކެއްކޮށްފައެވެ. އެގޮތުން އެންމެ ޚާއްޞަ އިހުސާސެއް ގެނުވީ ވޯލްޑް ކަޕްގައި ގޯލު ޖެހުންތޯ ނުވަތަ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ގޯލު ޖެހުންތޯ، ޒިދާން އާއި މެސީއާ ސުވާލުކޮށްފައިވެއެވެ.

ޒިދާން އާއި މެސީ ވެސް ބުނެފައިވާ ގޮތުގައި، އެންމެ މުހިންމު އަދި ޚާއްޞަ އިހުސާސެއް ގެނެސްދެނީ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ބޮޑު މައިދާނުގެ ގޮތުގައި އޮތް ވޯލްޑް ކަޕްގެ ފައިނަލުގައި ގޯލު ޖެހުމެވެ. އަދި އެއީ އެހެން ހުރިހާ ކަމަކަށްވުރެ، ޚާއްޞަ އިހުސާސްތަކެއް ގެނެސްދޭ ކަމެއް ކަމަށް އެ ދެ ތަރިން ވެސް ދެކެއެވެ. ޒިދާން އަދި މެސީ ވެސް ވަނީ ވޯލްޑް ކަޕްގެ ފައިނަލުގައި ގޯލު ޖަހައިފައެވެ.

މެސީ ވަނީ މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ފްރާންސް ކޮޅަށް ދެ ގޯލު ޖަހައިފައެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕް ވެގެން ގޮސްފައިވަނީ 1986ގެ ފަހުން އާޖެންޓީނާއަށް ކާމިޔާބުކުރެވުނު ފުރަތަަމަ ވޯލްޑް ކަޕަށެވެ. އަދި މެސީ ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ފައިނަލެއްގައި ވެސް ބާސެލޯނާގެ ޖާޒީގައި ގޯލު ޖަހައިފައެވެ.

ފްރާންސުން 1998ގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިރު، ބްރެޒިލް ކޮޅަށް ފްރާންސުން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ޒިދާނެވެ. އަދި ޗެމްޕިއަންސް ލީގުގެ ތާރީޚުގައި އެންމެ ހިތްގައިމު ގޯލު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ވެސް ފާހަގަވެފައިވަނީ ޒިދާންގެ ގޯލެކެވެ. ރެއާލްގެ ޖާޒީގައި އޭނާ އެ ގޯލު ޖަހާފައިވަނީ ބަޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅުނު ފައިނަލުގައެވެ.

comment ކޮމެންޓް