އަގުބޮޑު ބްރޭންޑްތަކުގެ ހެދުންތަކާއި އަތް ދަބަސް ގެންގުޅުމަކީ އެއްވެސް އިރެއްގައި މާބޮޑު އަހައްމިއްޔަތު ކަމެއް ދިން ކަންކަން ނޫންކަމަށް ޒުވާން ބަތަލާ ސާރާ ޢަލީ ޚާން ބުނެފިއެވެ.
އެކްޓަރު ސައިފް ޢަލީ ޚާން އާއި ކުރީގެ ބަތަލާ އަމްރިތާ ސިންގްގެ ދަރިފުޅު ދާދިފަހުން ބައިވެރިވި ކޮފީ ވިތު ކަރަންގެ އެޕިސޯޑުގައި ބުނެފައި ވަނީ، އޭގެ މާނައަކީ އޭނާގެ އަތުގައި ޑިޒައިނަރު ބްރޭންޑްގެ ތަކެތި އެއްވެސް ވަރަކަށް ނުހުންނަ ވާހަކަ ނޫންކަމަށެވެ. އެހެން ނަމަވެސް ބޮޑު ޚަރަދުކޮށް ބްރޭންޑްތަކުގެ ހެދުމާއި، ފައިވާނާއި ބޫޓު ފަދަ ތަކެތި ގަތުމަކީ އެއްވެސް އިރެއްގައި ޝައުޤު ހުންނަ ކަންކަން ނޫންކަމުން އެކަން ކަމަށް މާބޮޑު ސަމާލުކަމެއް ނުދެވޭ ކަމަށް ސާރާ ވަނީ ބުނެފައެވެ.
ބޮލީވުޑްގެ އެންމެ އުއްމީދީ ބަތަލާއިންގެ ތެރޭ ހިމެނޭ އަނަންޔާ ޕާންޑޭއާ އެކު ސާރާ ބައިވެރިވި ކޮފީ ވިތު ކަރަންގެ އަށްވަނަ ސީޒަންގެ އެޕިސޯޑުގައި ބަތަލާގެ ޒާތީ ޙަޔާތާ ބެހޭ ވަރަށް ގިނަ ވާހަކަތަކެއް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދީ ސާރާގެ ޙަޔާތުގައި ބައިވެރިއެއް ނެތްކަމަށާއި މި ވަގުތު އޭނާ ހުރީ ވަރަށް ހުސްކޮށްކަން ބުނި ހިސާބުންނެވެ.
ކޯ-ސްޓާ ކާތިކް އާރްޔަންއާ އެކު އޮތް ލޯބީގެ ގުޅުމުގައި ސިއްކަ ޖެހުމަށްފަހު ސާރާ އިންޑިއާގެ ޒުވާން ކްރިކެޓް ކުޅުންތެރިޔަކާ ގުޅުނުކަމުގެ އަޑު ފެތުރުނުކަމަށް މި ޝޯވްގެ ހޯސްޓު ކަރަން ޖޯހަރު ވަނީ ބުނެފައެވެ. ނަމަވެސް ކަރަންއަށް ރައްދު ދެމުން ސާރާ ބުނީ ތި ދައްކަނީ މުޅީން އެހެން ސާރާއެއްގެ ވާހަކަ ކަމަށެވެ. ސާރާ ޢަލީ ޚާން އިޝާރާތްކުރީ އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ސަޗިންގެ އަންހެން ދަރިފުޅު ސާރާ ޓެންޑުލްކަރްއަށެވެ.
ސާރާގެ ހުރިހާ ސަމާލުކަމެއް ވެސް މިވަގުތު ހުރީ އޭނާގެ ފިލްމީ ކެރިއަރު ހަރުދަނާކޮށް ކުރިން ހެދުނު ގޯސްތަކުގެ ތަޖުރިބާގެ އަލީގައި ބެލުންތެރިންނަށް ކަމުދާނެ ކަހަލަ ފިލްމުތަކެއް ސިނަމާއަށް ގެނެސްދިނުމަށް ކަމަށް ބަތަލާ ވަނީ ބުނެފައެވެ. އެހެންވެ ގޯސް ބައިވެރިއެއް އިޚުތިޔާރުކޮށް އެކަމަށް ވަގުތު ހުސްކޮށް ވިސްނަން ބޭނުން ނުވާކަމަށް ސާރާ ވަނީ ބުނެފައެވެ.
ފިލްމު "ކެދަރުނާތު"އިން ބޮލީވުޑަށް ތަޢާރަފުވި ބަތަލާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މި އަހަރުގެ ޖޫން މަހު ރިލީޒްކުރި ފިލްމު "ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ" އިންނެވެ. ކުރިޔަށް އޮތް އަހަރު ސާރާގެ ހަތަރު ފިލްމެއް ރިލީޒްކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު އޭގެތެރޭގައި ބެލުންތެރިން އިންތިޒާރުކުރާ ފިލްމު "މެޓްރޯ އިން ދިނޯ" ވެސް ހިމެނެއެވެ.