އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު ޝަހީރް ޝައިހް ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އަތުވެއްޖެއެވެ.
ބެލެވޭ ގޮތުގައި ޝަހީރު ރާއްޖެ އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ޝަހީރު ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓުގައި ނަގާފައިވާ ގިނަ ފޮޓޯތަކެއް ވެސް އޭނާގެ ރަސްމީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.
ޝަހީރު ޗުއްޓީ ހޭދަކުރަމުން އަންނަ ކްލަބް މެޑް ކާނި މޯލްޑިވްސްއިން އޭނާއަށް ލިބެމުން އަންނަ މެހެމާންދާރީއަށް ޝުކުރު އަދާކުރަމުން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ރިސޯޓުގެ މާހައުލުން ލިބޭ އުފަލާއި ހިތްހަމަޖެހުމަކީ މިވަގުތު އޭނާއަށް ވަރަށް މުހިއްމު އެންމެ ބޭނުންތެރި ކަންކަން ކަމަށެވެ.

ފިލްމު "ދޯ ޕައްތީ"ގެ މަންޒަރެއްގައި ޝަހީރު ބަތަލާ ކްރިތީ ސެނޮންއާ އެކު-- ފޮޓޯ/އެންޑީޓީވީ
ޒީޓީވީން ގެނެސްދިން "ޕަވިތްރަ ރިޝްތާ"އިން ލިބުނު މަގުބޫލުކަމާއެކު ޝަހީރު ބޮޑަށް މަޝްހޫރުވީ ސޮނީއިން ގެނެސްދިން "ކުޗް ރަންގް ޕިޔާރު ކޭ އެއިސޭ ބީ" އަދި ސްޓާޕްލަސްއިން ގެނެސްދިން "މަހާބާރަތު"ގެ އިތުރުން އެ ޗެނަލްގެ މަގުބޫލު ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ"އިންނެވެ.
އޭގެފަހުން ޝަހީރު ވަނީ ބައެއް ފިލްމުތަކުންނާއި ސީރީސްތަކުން ވެސް ފެނިފައެވެ. އޭގެތެރޭގައި ބަތަލާ ކާޖޮލް އަދި ކްރިތީ ސެނޮން މުހިއްމު ރޯލްތަކުން ފެނުނު ފިލްމު "ދޯ ޕައްތީ" ހިމެނެއެވެ. ޝަހީރު ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ރަސްމީކޮށް އަދި އިއުލާނު ނުކުރާ ވެބް ސީރީސްއެއް ކަމަށްވާ "ހިސާބް"އިންނެވެ. މިއީ ޓީވީ ޑްރާމާ އަދި ވެބް ސީރީސްތަކުގައި މަސައްކަތް ނުކުރާތާ ދިގު މުއްދަތަކަށްފަހު އޭނާ މަސައްކަތް ފަށާ ފުރަތަމަ ވެބް ސީރީސްއެވެ.
އިންޑިއާގެ އިތުރުން ޝަހީރު ވަނީ އިންޑޮނޭޝިއާއިން އުފައްދާ ގިނަ ޓެލެވިޒަން ޑްރާމާތަކެއްގައި ވެސް މަސައްކަތްކޮށްފައެވެ.