ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަންގެ ދެ ކުދިންގެތެރެއިން ހަގު ދަރިފުޅު ރިދާން ރޯޝަން ފިލްމު އުފެއްދުމާގުޅޭ ގޮތުން މަތީ ތައުލީމު ހާސިލުކުރަން އެމެރިކާއަށް ގޮސްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ފިލްމީ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ރިދާން ކިޔަވަން ހަމަޖެހިފައި ވަނީ ފިލްމު އެންޑް ޓެލެވިޒަން ޕްރޮޑަކްޝަން ދާއިރާއިންނެވެ. އެމެރިކާގެ ސަދަން ކެލިފޯނިއާގެ ޔުނިވަސިޓީ (ޔޫއެސްސީ)ގެ ރަސްމީ އިންސްޓަގްރާމްގައި ރިދާން އެ ޔުނިވަސިޓީއާ ގުޅުމުން މަރުހަބާގެ މެސެޖެއްވެސް ވަނީ ޕޯސްޓުކޮށްފައެވެ.
މި ޔުނިވަސިޓީ އަކީ ޑައިރެކްޓަރެއްގެ ގޮތުގައި ދާދިފަހުން ފިލްމު އިންޑަސްޓްރީއަށް ތައާރަފްވި ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ވެސް ފިލްމު އުފެއްދުމާ ގުޅޭގޮތުން ތައުލީމު ހާސިލުކުރި ޔުނިވަސިޓީއެވެ.
ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ފިލްމީ އާއިލާތަކުގެތެރޭ ހިމެނޭ ރޯޝަން އާއިލާއަށް ނިސްބަތްވާ ރިދާންގެ ދެ ފަރާތު އާއިލާއަކީ ވެސް ފިލްމު އިންޑަސްޓްރީއާ ގުޅިފައިވާ ދެ އާއިލާއެވެ.

(ޔޫއެސްސީ)ގެ ރަސްމީ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓް--ފޮޓޯ/އިންސްޓަގްރާމް
ރިތިކްގެ ދެ ކުދިންނަށް މީޑިއާގެ ސަމާލުކަން އަބަދުވެސް ލިބެމުން އަންނައިރު ވަރަށް ގިނަބަޔަކު އުއްމީދުކުރީ އެ ކުދިން ކުރިމަގުގައި ފެންނާނީ އެކްޓިންގް ދާއިރާއިން ކަމަށެވެ. ނަމަވެސް ރިދާންގެ ޝައުގުވެރިކަން ހުރީ އެކްޓިންގްއަށްވުރެ ބޮޑަށް ފިލްމު އުފެއްދުމަށް ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.
އުމުރުން 17 އަހަރުގެ ރިދާން އަދި 20 އަހަރުގެ ރެހާން އަކީ ރިތިކް އާއި ސުޒޭންގެ ކައިވެންޏަށް ލިބުނު ހަމައެކަނި ދެ ކުދިންނެވެ. ރިތިކް އާއި ސުޒޭންގެ ކައިވެނި 2014 ވަނަ އަހަރު ރޫޅާލިކަން އިއުލާނުކުރި ނަމަވެސް ކުދިންގެ ކަންކަމުގައި މިހާތަނަށް ދެ މީހުންވެސް އަންނަނީ އެއްވަރަކަށް ހިއްސާވަމުންނެވެ.