ދަށު ކޯޓު މަރުހަލާގައި މައްސަލަ އޮތް އިރު ވ. އާރަށު މައްސަލައިގައި ކްރިމިނަލް ކޯޓުން އަމަލުކުރި ގޮތުން، ދައުވާ އުފުލައިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ޔޫސުފް ނައީމްގެ ގިނަ ހައްގުތަކެއް ގެއްލުނު ކަމަށް ދިފާއީ ވަކީލުން ބުނެފިއެވެ.
މި މައްސަލައިގައި ހައި ކޯޓުގައި މީގެ ކުރިން ތާވަލުކުރި ދެ އަޑުއެހުން ވެސް ދައުލަތުން އެދިގެން ކެންސަލް ކުރިއިރު މިއަދުގެ އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި ވަކީލުންގެ ފަރާތުން ވަނީ ދަށު ކޯޓު މަރުހަލާގެ ތެރޭ މައްސަލަ ކުރިއަށް ގެންދިޔަ ގޮތާ ގުޅިގެން ހުރި ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.
އެގޮތުން ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ ކްރިމިނަލް ކޯޓުން އަމަލުކުރި ގޮތުގެ ސަބަބުން އިސްތިއުނާފްކުރާ ފަރާތްތަކުގެ އެކި ހައްގުތަކަށް އުނިކަން އައިސްފައިވާކަމަށެވެ.
އޭގެ ތެރޭގައި އިބްތިދާއީ މަރުހަލާ ކުރިއަށް ގެންދިޔަ ގޮތާހެދި ގެއްލުނު ފުރުސަތުތަކާއި ދައުލަތުން ހާމަކުރަންޖެހޭ ހެކިތައް ހާމަނުކުރުމުން ދިފާއު ބިނާކުރުމުގައި ދަތިވުން ހިމެނޭ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
އަދި މައުސޫމްކަމުގެ މިންގަނޑު މާނަކުރި ގޮތުން ގެއްލުނު ބައެއް ހައްގުތަކާއި، އިސްތިއުނާފީ މަރުހަލާއަކާ ހަމައަށް ދާން ޖެހުމުން ގެއްލުނު ހައްގުތަކެއް ހުރިކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.
އެ ވާހަކަތަކަށް ބާރު ދެއްވައި ރައީސް ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒް ވެސް ވިދާޅުވީ ދަށު ކޯޓުގައި މި މައްސަލައިގެ ޝަރީއަތް ކުރިއަށްދިޔައިރު ދައުލަތުން ވަކި ހިސާބަކުން އައު ހެކިތަކެއް ހުށަހެޅި ކަމަށާއި އެއިރު، ދިފާއަށް، ތަހުގީގު ފައިލް ބެލުމުގެ ފުރުސަތު ލިބުނުނަމަ، އެ ހެކިތަކަކީ ދައުލަތުން ކުރިން ހޯދަން އުޅެ ނުފެނިގެން ހުށަނޭޅުނު ހެކިތަކެއްކަން އެނގުނީސްކަމަށް ވިދާޅުވިއެވެ.
"ހަގީގަތުގައި މައްސަލައިގައި ދިފާއުވުމަށް ޓަކައި ބޭނުންވާ ލިޔެކިޔުންތައް ހޯދައި އެ ހުށަހެޅުމުގެ ފުރުސަތު އޮތީ ގެއްލިފައި،" ޝިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ ވަކީލް ހަމްޒާ ލަތީފް ވެސް ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން އިބްތިދާއީ މަރުހަލާއާއި، އަދަބު ކަނޑައެޅުމުގައި އަމަލުކުރި ގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
"ފަނޑިޔާރު ވަގުތު ގައިދުކުރުމުގެ ސަބަބުން ދައުލަތަށް ވެސް ދިފާއަށް ވެސް އެ ފުރުސަތު ގެއްލިގެން ދިޔައީ އަދަބު ކަނޑައެޅުމުގައި ވާހަކަދެއްކުމަށް ޓަކައި ހެއްކާއި އަދި ކޮންސިޑާޑް އާގިއުމަންޓްސްގެ މައްޗަށް ހުށަހެޅިފައި އޮތް ހުށަހެޅުމަށް ދެ ފަރާތުން ވެސް ވާހަކަދައްކަން،" ހަމްޒާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމުގައި ފަނޑިޔާރު މުއްދަތު މާނަކުރެއްވި ގޮތުން މި މައްސަލައިގައި ހިމެނޭ ދެ ފަރާތުން ހުށަހެޅި ހުށަހެޅުން ބަލައިނުގަތުން ވެސް ދިފާއީ ވަކީލުން ފާހަގަކޮށްފައިވެއެވެ.
އެ ކަމުގައި ދައުލަތުން ބުނީ، މުއްދަތު މާނަކުރުމުގައި ދައުލަތާއި، މައްސަލައިގައި ދައުވާ އުފުލައިފައިވާ ދެ ފަރާތުން ވެސް ފަރުވާކުޑަކުރީ ކަމަށެވެ.

9 ނޮވެމްބަރު 2023: އާރަށު މައްސަލައިގެ އިސްތިއުނާފް އަޑުއެހުން
ގާތްގަނޑަކަށް ތިން ގަޑިއިރަށް ދިގު ދެމިގެންދިޔަ މިއަދުގެ އަޑުއެހުން ނިންމައިލީ އަދިވެސް ޝަރީއަތުން ސާފުކުރަން ބޭނުންވާ ކަންކަން ސާފުކުރުމަށް އިތުރު އަޑުއެހުމެއް ތާވަލުކުރަން ނިންމުމަށްފަހުގައެވެ.
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެ، އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތުގައި ދައުލަތުން ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ހުކުމެއް ދަށު ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު 25 ގައެވެ.
ހަމަ އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ވެސް ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތްޕުޅުން ވެސް ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ދެ މައްސަލަ ވެސް ކުރިއަށް ގެންދަނީ އެކުއެކީގައެވެ. މީގެ ކުރިން ތާވަލުކުރި ދެ އަޑުއެހުން ވެސް ކެންސަލް ކުރީ ދައުލަތުން އެދިގެންނެވެ.