އަދުރޭ ޅެން ބަހުން އޮއްސައިލީ ޔާމީނަށްޓަކައި ކުރި ދަތުރުގެ ޖަޒުބާތު؟

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެކު ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕީއެންސީގެ ފުރަތަމަ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަކީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެންމެ އަރިސް އެކަކެވެ. އެންމެ ގިނަ ދުވަހު ޔާމީނާ އެކު ސިޔާސީ މަސައްކަތުގައި ވަފާތެރިކަމާ އެކު އުޅުއްވި އެކަކީ އަދުރޭއެވެ.

އެކަމަކު، އެ ހަގީގަތް މި ވަނީ ބަދަލުވެފައެވެ. ނިމުނު ރިޔާސީ އިންތިޚާބަށް އެ ދެ ބޭފުޅުންގެ ޒަމާންވީ ސިޔާސީ ބަދަހި ގުޅުން ވަނީ ގޯސްވެފައެވެ. އެއީ، މިއަދުގެ ހަގީގަތެވެ.

"ކުށަކީ ކޮބައިހެ ކުރެވުން، ތިލަކޮށްލަ ދީބަލާ،

ފުށަތުން ޖެހުން ރިޔާ ދޫ ނުކުރުންހެ ބުނެބަލާ،"

މިއީ މިއަދު އަދުރޭ މީސްމީޑިއާއަށް ދޫކޮށްލި މާނަފުން ޅެމުގެ ތަންކޮޅެކެވެ. ޅެމުގައި އަދުރޭ ލިޔުއްވާފައިވަނީ ގަދަ ކޮޅިގަނޑެއްގައި ކުރަން ޖެހުނު ދަތުރުގެ ވާހަކައެވެ. އަދި، އެ ދަތުރުގައި ދިމާވި ދަތި އުނދަގުލާއި ތުރާލާއި އެ ވަގުތު ވެސް "ރިޔާ" ދޫނުކޮށް "އޮޑި ގެއްލި ބެހި ދިޔަނުދޭން،" ކުރި ބުރަ މަސައްކަތުގެ ވާހަކައެވެ.

ޅެން ފަށަމުން އަދުރޭ އައްސަވަނީ ކުރެވުނު ކުށަކީ ކޮބައިތޯއެވެ.

"ހަ ފަރާތް އެކީ ވަށައިލާ ބައްދާލި ކޮޅިގަނޑުން،

ދަފަރާ ވުމީހެ ކުށަކީ ގޯހެއް ކަމަށް ބަލާ،

ކުރިމަތިވިހާ ވިގަންޏާއި ކަނޑުމަތި ފުރޭތަޔާ،

ކުރިން ހިތްވަރުން ފަހައިލާ ނުދެވޭހެ ކުރިބަލާ،

ކުރެވުން އެއީ ކުށެއް ނަމަ ކުށަކީ ނަޖާވުމޭ،

އުރެދުން ކަމަށް އެ ވީގޮތް ނުމެ އެނގުނު ބަލަބަލާ،"

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޅެމުގައި އަދުރޭ ވިދާޅުވީ، ކުރެވުނު ކުށެއް އޭނާއަށް ނޭނގޭ ކަމަށެވެ. އަދި، އެއީ އުރެދުން ކަމަށް ބަލާ ގޮތެއް ބަލަބަލައި ނޭނގުނު ކަމަށެވެ.

ނިންމައިލަމުން ވިދާޅުވެފައި އޮތީ ބޮޑު އެއްޗެކެވެ. އޮޑިން ފުންމައިނުލާ އެ ދިގު އުނދަގޫ ދަތުރުގައި ހުރީ "ދިން މިސްރާބު"ތައް ބަލައިގެން ކަމަށެވެ. އެހެންވެ، އެ އުނދަގޫ ދަތުރު "ވިއްސާރައާއި އަވީގައި" ކުރި ފަޅުވެރިންނަށް ތައުރީފު ކުރަން އެދިފައިވެއެވެ.

"ހުންގާނުގައި ހިފީ އޮޑި ބެހި ގެއްލި ދިޔަނުދޭން،

ފުންމައިނުލާ ހުރީ ދިން މިސްރާބުތައް ބަލައި،

ވިއްސާރައާއި އަވީގައި ކުރި ދަތި މި ދަތުރުގައި

ހިއްސާފި ފަޅުވެރީންނަށް ތަޢުރީފު ކޮށްބަލައި،"

ކޮން ދަތުރެއް؟

އަދުރޭގެ ޅެންވެރިކަމާއި ފަށުއި ބަސްތައް އަބަދު ވެސް އަޖައިބު ކުރުވަނިވިއެވެ. މި ޅެން ވެސް އަޑުއަހައިލަން ރީއްޗެވެ. ބަލައިލަން ނަލައެވެ. ކިޔައިލަން ފަސޭހައެވެ. އެކަމަކު، ސުވާލަކީ އަދުރޭ މި ޅެމުގައި އެ ބުނާ ދަތުރަކީ ކޮބައިތޯއެވެ؟ ބެހުނަ ނުދޭން ހަވާލުވި އޮޑިއަކީ ކޮބައިތޯއެވެ؟

ޅެމުގެ މާނަ އޮންނާނީ ޅެންވެރިޔާގެ ބަނޑުގައެވެ. އެހެންވެ، އަދުރޭއަށް ގުޅައި ސުވާލު ކުރަން މަސައްކަތް ކުރީމެވެ. އެކަމަކު، ފޯނަށް ޖަވާބު ނުދެއްވާތީ އަދުރޭގެ ޅެމުގެ ސީދާ މާނައެއް ނޭނގެއެވެ.

އެކަމަކު، އެ ބުނާ ދަތުރާ އެންމެ ވައްތަރީ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމުގެ ސަބަބުން ޖަލުގައި ހޭދަކުރެއްވި ދުވަސްވަރު ޕީޕީއެމް/ޕީއެންސީގެ ހިންގެވުމާ ހަވާލުވެ ހުންނަވައި އަދުރޭ ކުރެއްވި ދަތުރާއެވެ. ޔާމީން ޖަލުގައި ހުންނެވީ އަދުރޭއާ ހުރިހާ ކަމެއް ހަވާލު ކުރައްވައިފައެވެ. އެއީ، ޔާމީން އޭރު އަދުރޭއަށް ކުރެއްވި އިތުބާރާއި ދެ ބޭފުޅުންގެ މެދުގައި އޮތް ގާތް ގުޅުމުގެ ބޮޑު ކަމުންނެވެ.

ޔާމީނަށް އިއްވި ފުރަތަމަ ހުކުމުން މިނިވަންވެ ވަޑައިގެން ވެސް ޔާމީން އެންމެ ބޮޑަށް ތައުރީފު ކުރެއްވި އެއް ބޭފުޅަކީ އަދުރޭއެވެ. އެއީ، އެ މަނިކުފާނު ނެތި، ޕާޓީ ބެހިގެން ދިޔަ ނުދޭން އަދުރޭ ކުރެއްވި މަސައްކަތަށެވެ.

އެންމެ އިސް ލީޑަރު ޖަލުގައި އޮންނެވިއިރު ޕީޕީއެމް/ޕީއެންސީ މަގުން ކައްސައިލިޔަ ނުދީ، އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މޭސްތެރިއަކީ އަދުރޭއެވެ. ޕާޓީގެ ލީޑާޝިޕް ގޮވައިގެން އެންމެ ދަތި ދުވަސްވަރު ހޭދަ ކުރީ އަދުރޭއެވެ. ދެ ޕާޓީ މަގުމަތީގައި އޮތް އިރު، "އޮޑި ބެހުނަ ނުދީ،" ހިފެހެއްޓީ އަދުރޭއެވެ.

ޔާމީނާ ގުޅުން ގޯސްވުން

ޔާމީން ޖަލުގައި އޮންނަވައިގެން ރިޔާސީ ރޭހަށް ވާދަކުރައްވަން ފޯމު ހުށަހެޅުއްވިއިރު ވެސް ޕީޕީއެމް/ޕީއެންސީގެ އެތެރޭން ދިޔައީ ޔާމީން ނޫން ކެންޑިޑޭޓެއްގެ މަޝްވަރާތައް ކުރަމުންނެވެ. ހާއްސަކޮށް ލީޑާޝިޕްގެ އެކިއެކި ބޭބޭފުޅުން ޓިކެޓަށް ފާރަވެރިވަމުން ދިޔައެވެ.

އެހެންވެ، ޔާމީނަށް ވާދަނުކުރެވިދާނެ ކަމަށް ބަލައި ޕީއެންސީގައި ޕްރައިމަރީއެއް ބޭއްވިއެވެ. އެ ޕްރައިމަރީ އެއް ވޯޓުގެ ތަފާތުން ކަމިޔާބު ކުރެއްވީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ޔާމީން ޖަލުގައި އޮންނެވިއިރު އަދުރޭ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕާ އެކު މަގުމަތީ ހަރަކާތެއްގައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޕްރައިމަރީން ނާކާމިޔާބުވީ ޔާމީން އިރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މަޖިލީސް މެންބަރު އާދަމް ޝަރީފް އުމަރު ވަގުތުން ޔާމީން ނެތް ހާލަތެއްގައި މުއިއްޒަށް ތާއީދު ކުރައްވާނެކަން އިއުލާނު ކުރެއްވިއެވެ. އެކަމަކު، އޭރު ޔާމީންގެ ކެންޑިޑެސީ މައްސަލަ އޮތީ ސުޕްރީމް ކޯޓުގައެވެ. ހުކުމެއް ނުކުރެއެވެ.

އެ މަނިކުފާނަށް އިންތިޚާބުގައި ވާދަ ނުކުރެއްވޭނެކަން ސުޕްރީމް ކޯޓުން ކަނޑައެޅުމާ އެކު، ޔާމީން އެންގެވީ އިންތިޚާބު ބޮއިކޮޓު ކުރާށެވެ. ޖަލުން ފޮނުއްވި ނޯޓުކޮޅުގައި އެ ދުވަހު އޮތީ، އެ މަނިކުފާނަށް އިއްވި ޖަލު ހުކުމަކީ އަދި އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ކަނޑައެޅީ ބޭއިންސާފުން ކަމަށް ދެ ޕާޓީގެ ސެނެޓަށް ފެންނަ ނަމަ އިންތިޚާބު ބޮއިކޮޓު ކުރާށެވެ.

އެކަމަކު، އަދުރޭގެ މިޔަމިކަމުގައި ޕީއެންސީ ދެން ދަތުރު ކުރާން ފެށީ ޔާމީން ދެއްކި މިސްރާބަކުން ނޫނެވެ. އެއީ، އާންމު މެންބަރުން އެ ދުވަހު ބޭނުންވި ގޮތާ ހިލާފަށް އިންތިޚާބު ބޮއިކޮޓު ކުރަން ޔާމީން އެންގެވި އެންގެވުމާ އެކުއެވެ. ޕާޓީގެ ސަޕޯޓަރުން ބޭރު މަގުގައި ހުރި ޕީޕީއެމް އޮފީސް ދޮށުގައި ގޮވަމުން ދިޔައީ "ޕާޓީ މަގުމަތި ނުކުރުމަށެވެ.

"ޕާޓީ މަގުމަތިވިޔަކަ ނުދޭނަން، މަޝްވަރާ މި ކުރަނީ. މަޝްވަރާ މި ކުރަނީ ގޮތެއް ފެންނަން ދެން،" އެ ރޭ އަހަރެން އަތުގައި ހިފަހައްޓައިގެން ހުރެ ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ އެފަދައިންނެވެ. ކަންވީ ވެސް އެގޮތަށެވެ.

ހޫނުވެ، ފަޅައިގެން ދިޔައިމާ އަނެއްކާ ވެސް ހުއްޓައިލާފައި އިރުކޮޅަކުން ފަށައިގެން ވެސް މަޝްވަރާ ކުރީއެވެ. އެންމެ ފަހުން އެ ޕާޓިން ނިންމީ ޔާމީނަށް ދަންނަވާށެވެ. ޕާޓީގެ ސެނެޓަށް ބޮއިކޮޓު ކުރަން ނުފެންނަ ކަމަށެވެ. އެކަމަކު، ޔާމީން ދެވަނަ ފަހަރަށް ވެސް އެންގެވީ ބޮއިކޮޓު ކުރާށެވެ. ޕާޓީގެ ސެނެޓުން އެ ވަރުން ވެސް ނިންމީ ބޮއިކޮޓު ނުކޮށް މުއިއްޒާ އެކު ކުރިއަށް ދާށެވެ.

މުއިއްޒުގެ ފޯމް ހުށަހެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ

އެ ރޭ ޔާމީންގެ ރުހުން ނުލިބުނަސް އަދުރޭގެ މިއަމިކަމުގައި އަނެއް ދުވަހު ހެނދުނު ގޮސް މުއިއްޒު ކެންޑިޑެސީ ހުށަހެޅިއެވެ. ޔާމީން ރުހުން ދެއްވި ކަމަށް އެ މަނިކުފާނު އަނބިކަނބަލުން ފޯނު ކުރައްވާފައި އަދުރޭ ގާތުގައި ވިދާޅުވީ އެ ފޯމު ހުށަހަޅަން ގޮސް ތިއްބައެވެ.

އެއީ، ޔާމީނާއި އަދުރޭގެ ދުވަސްވީ ސިޔާސީ ގުޅުން ގޯސްވީ ހިސާބެވެ.

އެކަމަކު، ޅެމުގައި އަދުރޭ ކުރަނީ ސުވާލެކެވެ. އޭނާއަށް އެއީ ގޯހެއް ކަމަށް ނުވިސްނުނު ކަމަށެވެ. އެދެނީ ޔާމީން ހައްގުގައި ކުރި އުނދަގޫ ދަތުރުގެ ބައިވެރިންނަށް ތައުރީފުގެ ބަހަކަށެވެ.

comment ކޮމެންޓް