ދުވަސްތަކަކަށް ފަހު، ޔާމީންގެ އިސްތިއުނާފު އަޑުއެހުމެއް މިއަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް -- ސަން ފޮޓޯ/އިބްރާހިމް އިފާޒް

ދުވަސްތަކެއް ވަންދެން މަޑުޖެހިފައި އޮތުމަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުމެއް މިއަދު 14:00 އަށް ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެ، އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތުގައި ދައުލަތުން ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ހުކުމެއް ދަށު ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު 25 ގައެވެ.

ހަމަ އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ވެސް ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތްޕުޅުން ވެސް ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ދެ މައްސަލަ ވެސް ކުރިއަށް ގެންދިޔައީ އެކުއެކީގައެވެ.

ހައިކޯޓުގައި މިއަދު މެންދުރު ފަހު 14:00 އަށް ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައެވެ.

އެންމެ ފަހުން، މި މައްސަލައިގެ އަޑުއެހުމެއް ބޭއްވީ ސެޕްޓެމްބަރު މަހުގެ 26 ގައެވެ. އޭގެ ފަހުން ވެސް އަޑުއެހުންތަކެއް ތާވަލު ކުރިއެވެ. އެކަމަކު، ދައުލަތުގެ ވަކީލުން އެދިގެން ކޮންމެ ފަހަރަކު ވެސް އަޑުއެހުން ކެންސަލް ކުރީއެވެ.

ހައިކޯޓުން ވަނީ މި މައްސަލަ ނިމެންދެން ޔާމީންގެ މައްޗަށް އިއްވާފައިވާ ޖޫރިމަނާ ފައިސާ ދެއްކުން މަޑުޖައްސައިލުމުގެ އަމުރެއް ނެރެދީފައެވެ.

މި މައްސަލަ ޔާމީންގެ ފަރާތްޕުޅުން އެންމެ ފުރަތަމަ އިސްތިއުނާފު ކުރީ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެކަމަކު، އިސްތިއުނާފު ފޯމުގައި މައްސަލަތަކެއް ހުރުމުން އަލުން އެ ކަންކަން އިސްލާހު ކުރުމަށް ފަހު އިސްތިއުނާފު ކުރީ މާޗު މަހުއެވެ. އަދިވެސް މި މައްސަލައިގައި ހުކުމަކާ ހިސާބަކަށް ވާސިލުވާނެ ދުވަހެއް ނޭނގެއެވެ.

އިސްތިއުނާފު މައްސަލަ ނުނިމި އޮތުމުގެ ސަބަބުން ނިމުނު ރިޔާސީ އިންތިޚާބުގައި ވެސް ޔާމީނަށް ވާދަ ކުރެއްވިފައެއް ނުވެއެވެ. އެ މަނިކުފާނުގެ ފަރާތްޕުޅުން ކެންޑިޑެސީ ފޯމު ހުށަހެޅި ނަމަވެސް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ ޔާމީނަށް އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ކަމަށެވެ. އެހެންވެ، ދެ ފަހަރެއްގެ މަތިން އިންތިޚާބު ބޮއިކޮޓު ކުރަން ވެސް ޔާމީން އިދިކޮޅު ލީޑާޝިޕްގައި އެދިވަޑައިގަތެވެ. އެކަމަކު، ޕީއެންސީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި، މިހާރުގެ އިންތިޚާބީ ރައީސް މުހައްމަދު މުއިއްޒާ އެކު ކުރިއަށް ދާން ދެ ޕާޓީގެ ސެނެޓުން ނިންމުމުން އެންމެ ފަހުން ޔާމީން ގޮތްދޫ ކުރައްވައި މުއިއްޒަށް ތާއީދު ކުރެއްވީއެވެ.

މުއިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވުމާ އެކު، އެ މަނިކުފާނުގެ އެދިލެއްވުމަށް ޔާމީން ވަނީ ގެކޮޅަށް ވެސް ބަދަލު ކޮށްފައެވެ. އަދި، އޭގެ އިތުރުން ވެސް ސިއްހީ ކަންކަމާއި ކަސްރަތު ކުރުމަށް ބޭރަށް ދެވޭގޮތަށް ޔާމީންގެ ހުކުމަށް ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ.

ލުއިތަކާ އެކު ޔާމީން ސިޔާސީ ހަރަކާތް ވެސް ފެއްޓެވިއެވެ. އެކަމަކު، އިގުރާރު އުވައިލާނެ ކަމުގެ އިންޒާރު ކަރެކްޝަންސްއިން އެ މަނިކުފާނަށް ދިނުމާ އެކު އަނެއްކާ ވެސް ވަނީ ހިމޭންވެފައެވެ.

comment ކޮމެންޓް