ރެއާލް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖާގަ ހޯދައިފި

ވިނީޝިއަސް ޖޫނިއާ ރެއާލްގެ ދެވަނަ ލަނޑު ޖަހައިދިނުމަށް ފަހު އުފާ ފާޅުކުރަނީ / ފޮޓޯ: މާސާ ޑޮޓް ކޮމް

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑުން ޖާގަ ހޯދައިފިއެވެ.

ރެއާލުން މި މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދީ ގްރޫޕް ސީގައި ޕޯޗުގަލްގެ ސްޕޯޓިން ބްރާގާއާ ދެކޮޅަށް ރޭ ބައްދަލުކުރި މެޗު 3-0އިން ކާމިޔާބު ކޮށްގެންނެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ބްރާގާއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލުންނެވެ. ނަމަވެސް މެޗުގައި ލަނޑު ޖަހާނެ ފުރަތަމަ ރަނގަޅު ފުރުސަތު ލިބިގެންދިޔައީ ބްރާގާއަށެވެ.

މެޗުގެ ހަވަނަ މިނެޓުގައި ރެއާލްގެ ލޫކަސް ވަޒްކޭޒް ބްރާގާގެ ކްރިސްޓިއަން ބޯހާއަށް ފައުލް ކުރުމާ ގުޅިގެން ބްރާގާއަށް ލިބިގެންދިޔަ ޕެނަލްޓީ އެ ޓީމަށް ކާމިޔާބުވާ ގޮތެއް ނުވިއެވެ. އަލްވާރޯ ޑިޔާލޯ ފޮނުވައިލި ޕެނަލްޓީ ވަނީ ރެއާލްގެ ގޯލް ރޭގެ މެޗުގައި ބަލަހައްޓަމުންދިޔަ އަންޑްރޭ ލުނިން ދިފާއުކޮށްފައެވެ.

މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 27 ވަނަ މިނެޓްގައި ރޮޑްރިގޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެއާލަށް ލީޑު ނަގައިދިނީ ބްރަހީމް ޑިއާޒެވެ. މެޗުގައި ރެއާލްގެ ދެވަނަ ލަނޑު މެޗުގެ 58 ވަނަ މިނެޓްގައި ވަޒްކޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަަހައިދިނީ ވިނީޝިއަސް ޖޫނިއާއެވެ. އަދި، އެ ޓީމުގެ ފަހު ލަނޑު އޭގެ ތިން މިނެޓު ފަހުން ވިނީޝިއަސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހާފައިވަނީ ރޮޑްރިގޯއެވެ.

މެޗުގައި މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ. މިގޮތުން ޑިއާޒް އިތުރު ލަނޑެއް ޖެހި ނަމަވެސް އެ ލަނޑު ޖެހުމުގެ ކުރިން ވިނީޝިއަސް ފައުލްއެއް ކޮށްފައިވުމުގެ ސަބަބުން އެ ލަނޑު ގަބޫލުކޮށްފައެއް ނުވެއެވެ.

މި ކާމިޔާބީއާ އެކު ރެއާލް މެޑްރިޑުން ވަނީ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް މަރުހަލާއިން ޖެހިޖެހިގެން 26 ވަނަ ފަހަރަށް ޖާގަ ހޯދައިފައެވެ. އަދި، އެ ޓީމުން އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ނުވަ މެޗުން ބަލިވެފައެއް ނުވެއެވެ.

މެޗުގައި ކޮނޑަށް ލިބިފައިވި އަނިޔާއަކާ ގުޅިގެން ޖޫޑް ބެލިންހަމް ފުރަތަމަ އެގާރައިގާ ހިމަނާފައެއް ނުވެއެވެ. މެޗުން ލިބުނު ކާމިޔާބީއާ އެކު ރެއާލް މިހާރު ވަނީ ގްރޫޕް ސީގައި މިހާތަނަށް ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް ލިބިފައިވާ 12 ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނައިގައެވެ. ބްރާގާ އޮތީ ތިން ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގައެވެ. މި ގްރޫޕްގެ ދެވަނައިގައި އުޅޭ ނަޕޯލީއާއި ޔޫނިއަން ބާލިން ބައްދަލު ކުރި މެޗު 1-1 އިން އެއްވަރުވީއެވެ. މިއާއެކު ނަޕޯލީ ދެވަނައިގައި އޮތީ ހަތް ޕޮއިންޓާ އެކުއެވެ.

comment ކޮމެންޓް