މޮޑްރިޗް ގެންދިއުމަށް އަލް އަހްލީ އަދި އަލް އިއްތިހާދުން މަސައްކަތް ކުރަނީ

ރެއާލް މެޑްރިޑުގެ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗް -- ފޮޓޯ/ ގެޓީ

ރެއާލް މެޑްރިޑުގެ ތަޖުރިބާކާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗް ގެންދިއުމަށް ސައުދީ އަރަބިއާގެ އަލް އަހްލީ އަދި އަލް އިއްތިހާދުން ޝައުގުވެރިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ނޫސްވެރިޔާ ރޫޑީ ގަލޭޓީ ރިޕޯޓުކުރާ ގޮތުގައި އަލް އަހްލީ އަދި އަލް އިއްތިހާދުން އުމުރުން 38 އަހަރުގެ ކްރޮއޭޝިއާ މިޑްފީލްޑަރު މޮޑްރިޗަށް ބިޑުކުރާނީ އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާގައެވެ. އަދި، އެ ދެ ކްލަބުން ރެއާލްއާ މަޝްވަރާކުރުމަށް ނިންމާފައިވަނީ މޮޑްރިޗަށް ހުށަހެޅުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފަހު ކަމަށް އޭނާ ރިޕޯޓުކުރެއެވެ.

މި ސީޒަނުގައި ރެއާލުން އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ގެންދިއުމާ އެކު މޮޑްރިޗަށް ވަނީ އެ ކްލަބުން ގިނަ ފުރުސަތުތަކެއް ހޯދުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. މި ސީޒަނުގެ މިހާތަނަށް ރެއާލަށް މޮޑްރިޗް ކުޅެފައިވަނީ 13 މެޗެކެެވެ.

ސައުދީގެ ކްލަބުތަކުގެ އިތުރުން އާޖެންޓީނާ ތަރި ލިއޮނެލް މެސީ ކުޅެމުންދާ އެމެރިކާގެ އިންޓަ މަޔާމީން ވެސް ވަނީ މޮޑްރިޗަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް ރަސްމީކޮށް އެއްވެސް ކްލަބަކުން މޮޑްރިޗް ގެންދިއުމަށް ބިޑުކޮށްފައިނުވާ ކަމަށް ރެއާލްގެ ސީއީއޯ ހޯސޭ އެންޖެލް ސަންޗޭޒް ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅުމަށް ފަހު، ރެއާލްއާ މޮޑްރިޗް ގުޅުނީ 2012 ވަނަ އަހަރުއެވެ. އެއަށް ފަހު އޭނާ ރެއާލާ އެކު 20 ތަށި ހޯދާފައިވާ އިރު، އޭގެ ތެރޭގައި ފަސް ޗެމްޕިއަންސް ލީގު ހިމެނެއެވެ.

comment ކޮމެންޓް