ޝަކްތާ އަތުން ބަލިވި މެޗަކީ ބާސާގެ އެންމެ ގޯސް މެޗު: ޒަވީ

ބާސާގެ ކޯޗު ޒަވީ -- ފޮޓޯ/ ގެޓީ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޝަކްތާ ޑޮނެސްކް އަތުން ބަލިވި މެޗަކީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ބާސެލޯނާގެ އެންމެ ގޯސް މެޗު ކަމަށް އެ ކްލަބުގެ ކޯޗު ޒަވީ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ "ގްރޫޕު އެޗް"ގައި މިދިޔަ އަންގާރަ ދުވަހު ރަށުން ބޭރުގައި ޝަކްތާއާ ދެކޮޅަށް ކުޅުނު މެޗުން ބާސާ ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު ބާސާއަށް ގްރޫޕުގެ އެއްވަނަ ނުގެއްލުނު ނަމަވެސް، ގްރޫޕު ވަނީ ވަރަށް ބޮޑަށް ހުޅުވިގެން ގޮސްފައެވެ. އެ މެޗުގައި ބާސާގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަނުޖެހޭކަން އެ ކްލަބުގެ ކޯޗު ޒަވީ ވެސް ވަނީ ފާހަގަކޮށްފައެވެ.

"ޗެމްޕިއަންސް ލީގަށް ނުކުންނަން ޖެހޭނީ އެންމެ ވަރުގަދަ ކުޅުން ދެއްކުމަށް. އަހަރެމެންނަށް މެޗުގައި އެ ކުޅުން ނުދެއްކުނު. އަހަރެމެންނަށް ރޭވި ގޮތަށް ކަންކަން ނުގެންދެވުނު. މިއީ މި ދެ އަހަރުގެ ތެރޭގައި އަހަރެމެންގެ އެންމެ ގޯސް މެޗު،" މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބާސާގެ ކޯޗު ޒަވީ ބުންޏެވެ.

ޒަވީ ބުނީ ބާސާއަށް ދެން ޖެހޭނީ މުޅިން އާ ވިސްނުމަކާ އެކު މަސައްކަތް އަލުން ފެށުމަށް ކަމަށާއި މެޗުގެ ކޮންޓްރޯލު ހޯދައިގެން ކުޅެން ޖެހޭ ކަމަށެވެ. އަދި، އިތުރަށް ކުރިއަށްދިއުމަށް ދެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ "ގްރޫޕު އެޗް"ގެ އެއްވަނައިގައި އޮތް ބާސާ އަދި ދެވަނައިގައި އޮތް ޕޯޓޯއަށް، އެއިން ކޮންމެ ޓީމަކަށް ވެސް ހަަތަރު މެޗުން ނުވަ ޕޮއިންޓެވެ. ބާސާ ކުރީގައި އޮތީ ހެޑް ޓު ހެޑް ނަތީޖާއިންނެވެ. ތިންވަނައިގައި އޮތް ޝަކްތާއަށް ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ފުލުގައި އޮތް އެންޓްވާޕްއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް