ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު، އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެނބުރި މާލެ ވަޑައިގެންފިއެވެ.
އަމިއްލަފުޅު ދަތުރުފުޅެއްގައި މުއިއްޒު ޔޫއޭއީއަށް ވަޑައިގަތީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ.
އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ، ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހުގައި މިރޭގެ ވަގުތެއްގައި އިންތިޚާބީ ރައީސް އެނބުރި މާލެ ވަޑައިގެންފައިވާ ކަމަށެވެ.
މިދިޔަ ހަފުތާ ހޯމަ ދުވަހު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މުއިއްޒު ރާއްޖެ ވަޑައިގަތީ މި މަހު ފަހެއްގައެވެ. ސިންގަޕޫރަށް ވެސް ކުރެއްވީ އަމިއްލަފުޅު ދަތުރެކެވެ.
މި މަހުގެ 17 ވަނަ ދުވަހު ރައީސްކަމުގެ ހުވާ ކުރައްވާ މުއިއްޒު ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރައްވާ ގައުމެއް އަދި މިހާތަނަށް ހާމައެއް ނުކުރައްވައެވެ.
މި ފަހުން ރާއްޖޭގެ ރައީސްކަމަށް ވަޑައިގެންނެވި ބޭފުޅުން އެންމެ ފުރަތަމަ ކުރައްވާ ރަސްމީ ބޭރު ދަތުރުފުޅުގައި ވަޑައިގަންނަވަނީ އަވައްޓެރި އިންޑިއާއަށެވެ.
މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމާ އެކު ބޭރުގެ މީޑިއާތަކުން އެ މަނިކުފާނު ސިފަ ކުރެއްވީ "ޕްރޯ ޗައިނާ" ބޭފުޅެއްގެ ގޮތުގައެވެ. އެ ކަމަށް ރައްދު ދެއްވައި މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން އަންނަނީ އެ މަނިކުފާނަކީ "ޕްރޯ މޯލްޑިވްސް" ސިޔާސަތު ގެންގުޅުއްވާނެ ބޭފުޅެއް ކަމަށެވެ. އެއްވެސް ގައުމަކަށް މާބޮޑަށް ބަރޯސާވެގެން އަދި އެއްވެސް ގައުމަގާ ރުޅިވެރިކަން ބާއްވައިގެން ނޫޅުއްވާނެ ކަމަށް ވިދާޅުވިއެވެ.