އަންނަ އަހަރު ފަހުކޮޅު ފުލެޓުތަކަށް ވަދެވޭނެ: މިނިސްޓްރީ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ފުރަތަމަ ފުލެޓު ލިބޭނެ 4000 މީހުން ކަނޑައަޅައި އާންމުކޮށްފައިވާއިރު، އަންނަ އަހަރު ފަހުކޮޅު މީހުންނަށް އެ ފުލެޓުތަކަށް ވަދެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގޯއްޗާއި ފުލެޓު ކޮމިޓީގެ ޗެއާމަން އަކްރަމް ކަމާލުއްދީން ވިދާޅުވީ، އެކި ބައިބަޔަށް ފުލެޓުތައް ނިމެމުންދާ ކަމަށެވެ.

"...ނިމުނު ވަރަކުން ވަދެވޭ ގޮތަށް ހަމަޖައްސަން އަޅުގަނޑުމެން ނިންމާފައި ވާނީ،" އޭނާ ވިދާޅުވިއެވެ.

ފުލެޓު ލިބުނު މީހުންގެ ލިސްޓް އާންމުކުރުމާ އެކު ގިނަ ބަޔަކު ނުރުހުން ފާޅުކުރީ ޕޮއިންޓް ދީފައި ވަނީ އިންސާފަށް ނޫން ކަމަށް ބުނެއެވެ. އެހެންކަމުން އެ ލިސްޓަށް ޝަކުވާ ހުށަހަޅަން މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

އަވަސް އަރުވާލައިގެން ފުލެޓުތައް ހަވާލު ނުކުރުމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެދިވަޑައިގެންފައެވެ.

https://sun.mv/184293

ފުލެޓު ދިނުމުގެ ކަންކަން އާ ސަރުކާރާ ހަވާލުކުރުމަކީ އިންތިޚާބީ ރައީސް މުއިއްޒުގެ އެދިވަޑައިގަތުމެއް ކަމަށާއި އުސޫލުގެ ބޭރުން ކަމެއް ކޮށްފައިވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް މިއަދު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު އާރިފް ވިދާޅުވީ އެ މަސައްކަތް ކުރިއަށް ދަނީ އަވަސް އަރުވާލަިއގެން ނޫން ކަމަށެވެ. އަދި، އާ ސަރުކާރާ ފުލެޓުގެ މަސައްކަތް ހަވާލުކުރަން އެދުނު ނަމަވެސް، ކަންކަން ކުރިއަށް ގެންދަނީ ވަކި ތަރުތީބަކުން ކަމަށާއި، އެ ތަރުތީބުން ކަންކަން ކުރާނެ ކަމަށް ވިދާޅުވިއެވެ.

https://sun.mv/184202

އޭސީސީން އިއްޔެ ވަނީ ފުލެޓުތައް ހަވާލުކުރުމުގެ މަސައްކަތްތައް ހުއްޓައިލަން ވެސް ޕްލޭނިން މިނިސްޓްރީއަށް އަންގާފައެވެ. އެއާއެކު އިއްޔެ ހެނދުނު އެ ކޮމިޝަނުން ވަނީ ތަހުގީގު ފެށުމަށް ޕްލޭނިން މިނިސްޓްރީއަށް ވަދެފައެވެ.

މިކަމާ ގުޅިގެން އަކްރަމް ވިދާޅުވީ، އޭސީސީ ބޭފުޅުން ބަލަން ބޭނުންވި ހުރިހާ ލިޔެކިޔުމެއް ދައްކާފައިވާނެ ކަމަށެވެ.

comment ކޮމެންޓް