ޝަކުވާތަކާ ގުޅިގެން، 4،000 ފްލެޓް ހަވާލުކުރުން ހުއްޓުވައިފި

ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ޕޮއިންޓު ދީފައިވާ ގޮތާ މެދު ނުރުހި ބައެއް މީހުން ހައުސިން މިނިސްޓްރީގެ އޮފީހުގައި މިއަދު އިހުތިޖާޖު ކުރުން -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓަށްއެދި ހުށަހެޅި މީހުންގެ ތެރެއިން ފުރަތަމަ ފުލެޓް ލިބޭނެ 4000 މީހުން ކަނޑައަޅައި އާންމުކޮށްފައިވާ ލިސްޓާ ގުޅިގެން ގިނަ ބަޔަކު ޝަކުވާކޮށްފައިވާތީ އެ ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތްތައް ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަންގައިފިއެވެ.

އޭސީސީން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ފުރަތަމަ ފުލެޓް ލިބޭނެ 4000 މީހުން ކަނޑައަޅައި، ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައިވަނީ ޕޮއިންޓު ދިނުމުގެ އުސޫލާ ޚިލާފަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބޭހެން ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމުގެގޮތުން ކަމަށް ބުނެ އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ،

އެ މައްސަލަ ތަހުގީގުކުރަމުންދާތީ، ޕޮއިންޓު ދީފައިވާ ގޮތާމެދު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދީ އެ ޝަކުވާތަކަށް ބެލުމަށް ފަހު ނޫނީ ކުރިއަށް ނުގެންދިޔުމަށް ހައުސިން މިނިސްޓްރީއަށް މިއަދު އަންގާފައިވާ ކަމަށް އޭސީސީން ބުންޏެވެ. އެގޮތުން މި މުއްދަތުގައި، އެ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި އެ ފްލެޓުތައް ހަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް ނުކުރަން އަންގާފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން އެގޮތަށް އެންގީ، ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ޕޮއިންޓު ދީފައިވާ ގޮތާ މެދު ނުރުހި ބައެއް މީހުން ހައުސިން މިނިސްޓްރީގެ އޮފީހުގައި މިއަދު އިހުތިޖާޖު ކުރި ފަހުންނެވެ.

ފްލެޓަށް ޕޮއިންޓު ދިން ގޮތް ނާއިންސާފު ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މާލޭގައި އުޅޭތާ މަދު ދުވަސްވީ މީހުންނަށް ގިނައިން ޕޮއިންޓު ދީފައި ހުރުމާއި އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި އެ މީހުންގެ އާއިލާތަކަށް ފްލެޓު ދިނުން ފަދަ ކަންކަން ފާހަގަ ކޮށްފައި ވެއެވެ.

ފްލެޓަށް އެދުނު މީހުންގެ އަދަދު 20،000އަށް ވުރެ ގިނައިރު، ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ޕޮއިންޓު ދިން ގޮތް މިހާރަށް ވުރެ ތަފުސީލުކޮށް ދިނުމަށް އެދެމުންނެވެ.

އެ ޝަކުވާތަކާ ގުޅިގެން ހައުސިން މިނިސްޓްރީން މިއަދު ވަނީ، އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު ހަތަރެއްގެ ނިޔަލަށް ގެދޮރުވެރިޔާ ޕޯޓަށް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައެވެ.

https://sun.mv/184199

މި ކަންބޮޑުވުންތަކާ ގުޅިގެން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގޯއްޗާއި ފްލެޓް ކޮމިޓީގެ ޗެއާމަން އަކްރަމް ކަމާލުއްދީން ވިދާޅުވީ ޕޮއިންޓު ދިނުމުގައި ބަލާފައި ހުންނާނީ ފްލެޓަށް ކުރިމަތިލީއިރު ފޯމުގައި ހިމަނައިފައިވާ މައުލޫމާތަށް ކަމަށެވެ.

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓާއެކު ހައުސިން މިނިސްޓްރީން އިއްޔެ ގެޒެޓުކުރި އިއުލާނުގައިވަނީ ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ، ތިން ކޮޓަރީގެ އެޕާޓްމެންޓެއް ނަމަ 76 ޕޮއިންޓުން ފެށިގެން މަތިން ލިބޭ މީހުންނާއި ދެ ކޮޓަރީގެ އެޕާޓްމެންޓެއް ނަމަ 73އިން ފެށިގެން މަތިން ޕޮއިންޓް ލިބޭ މީހުން ކަމަށެވެ.

comment ކޮމެންޓް