ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ފުރަތަމަ ފުލެޓު ލިބޭނެ 4،000 މީހުން ކަނޑައަޅައި އާންމުކޮށްފައިވާ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހަޅާން ހުޅުވާލުމުން، ލިސްޓަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް އަދި ނުލިބޭ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ނޫންވެރިންގެ ބައްދަލުވުމެއްގައި، އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު އާރިފް ވިދާޅުވީ ތިން ކޮޓަރީގެ ފުލެޓަށް ގާތްގަނޑަކަށް 2،000 ޝަކުވާ އަދި އެއް ކޮޓަރީގެ ފްލެޓަށް 900 ޝަކުވާ ލިބިފައިވާ ކަމަށެވެ.
މިހާތަނަށް ލިބުނީ މާލޭގައި ދިރިއުޅުނު މުއްދަތާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާ ކަމަށް އާރިފް ވިދާޅުވިއެވެ.
"ބައެއް ބޭފުޅުން ބުނެފައި އެބަހުރި ތިމަންނާއަށް ލިބެން ޖެހޭނެއޭ މިހާވަރަކަށް ސްކޯ. އަޅުގަނޑުމެން އެ ބޭފުޅާގެ ފޯމް ހުޅުވަލާފައި ބަލައިލާއިރު އެ ބޭފުޅާ ފޯމްގައި ލިޔުއްވާފައިވާ މައުލޫމާތުން ލިބޭ ވަރަށް އެ ބޭފުޅާއަށް މިހާރު ލިބިފައި އޮތީ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއީ އޮޅުމެއް ކަމަށެވެ. އެގޮތުން ޝަކުވާ ކުރާ މީހާ އަކީ ވެސް ފުލެޓު ލިބެން ޝަރުތު ހަމަވާ މީހެއް ކަމަށާއި ފުލެޓު ލިބޭ މީހުންގެ ތެރޭގައި ނުހިމެނެނީ ސްކޯ އިންނަ މިންވަރުން ކަމަށެވެ.
އާރިފް ވިދާޅުވީ، ސްކޯ ރިޕޯޓު އަދި ސިސްޓަމުން ނުފެންނާނެ ކަމަށެވެ. ނަމަވެސް ހުށަހަޅާފައިވާ ޝަކުވާ ފެންނާނެ ކަމަށާއި އުސޫލު ވެސް ފެންނާނެ ކަމަށެވެ.
"އެހެންވީމަ އުސޫލުގަ އިން އެއްޗެކާއި އެ ބޭފުޅާއަށް ބުނެވިފައިއިން އެއްޗެކާ (ޝަކުވާގައި ބުނެފައިވާ އެއްޗަކާ) ނިސްބަތުން އަޅާ ކިޔާލައިގެން ވެސް އެ ބޭފުޅާއަށް ލިބެން ޖެހޭ ސްކޯ އިނގިލައްވާނެ. އެހެންވީމަ އެ ސްކޯ ނޫން ސްކޯއެއް ލިބިއްޖެއްޔާ ޝަކުވާއަކަށް ވާނީ،" އާރިފް ވިދާޅުވިއެވެ.
ސަރުކާރުން ދޭ 4000 ފްލެޓުގެ ލިސްޓު އާންމު ކުރުމާއެލު ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ވެސް ޝަކުވާތައް ހިއްސާކޮށްފައެވެ. އަދި، އިއްޔެ ވަނީ ގިނަ ބަޔަކު އެއްވެ ޕްލޭނިން މިނިސްޓްރީގެ އެތެރޭގައި އަޑުގަދަކޮށް އިހުތިޖާޖު ކޮށްފައެވެ. އެއާއެކު ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ވެސް އިއްޔެ ހުޅުވާލިއެވެ.
އޭސީސީން އިއްޔެ ވަނީ ފުލެޓުތައް ހަވާލުކުރުމުގެ މަސައްކަތްތައް ހުއްޓައިލަން ވެސް ޕްލޭނިން މިނިސްޓްރީއަށް އަންގާފައެވެ. އެއާއެކު އިއްޔެ ހެނދުނު އެ ކޮމިޝަނުން ވަނީ ތަހުގީގު ފެށުމަށް ޕްލޭނިން މިނިސްޓްރީއަށް ވަދެފައެވެ.

ފުލެޓު ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު
މިކަމާ ގުޅިގެން ފުލެޓު ކޮމިޓީން ބުނީ، އޭސީސީ ބޭފުޅުން ބަލަން ބޭނުންވި ހުރިހާ ލިޔެކިޔުމެއް ދައްކާފައިވާނެ ކަމަށެވެ.
ވެރިކަން ބަދަލުވުމަށް މިއޮތް ކުޑަ ދުވަސްކޮޅު ތެރޭ، މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތައް އަވަސް އަރުވާލައިގެން ދޫނުކޮށް، އާ ސަރުކާރާ ހަވާލުކުރުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ އެދިވަޑައިގެންފައެވެ.
މިއަދު އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު ފިިރުޒުލް އަބްދުﷲ ޚަލީލު ވިދާޅުވީ ސަރުކާރު ބަދަލުވުމަށް އެންމެ ނުވަ ދުވަހަށް ވެފައި ވަނިކޮށް، މި މުއްދަތުގެ ތެރޭގައި މުޅި ޕްރޮސެސްއާ ދޭތެރޭގައި އިތުބާރެއް ނެތް ގޮތަށް އަވަސް އަރުވާލައިގެން ފްލެޓުތައް ދޫކުރުމަކީ އެއީ ވަރަށް ގިނަ މައްސަލަތަކަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.
"އޭސީސީން ވެސް ލަފާ އަރުވާފައިވާ ގޮތަށް އަދި އާސަރުކާރު ފެށެން ކައިރިވެފައިވުމުން މި ކުރު މުއްދަތުގެ ތެރޭ އަވަސްއަރުވާލައިގެން މި މަސައްކަތް ނިންމާ ފްލެޓްތަކުގެ ލިޔުން ނުވަތަ ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް މަޑު ޖައްސާލައި އެކަން ރަނގަޅަށް ކުރިއަށް ގެންދިޔުމަށް އާ ސަރުކާރާ ހަވާލުކުރުމަކީ އެންމެ ރަނގަޅު ގޮތް،" ފިރުޒުލް ވިދާޅުވިއެވެ.
"އެއީ އިންތިޚާބީ ރައީސުލްޖުމްޙޫރިއްޔާގެ ގޮވާލެއްވުން އަދި އެދިވަޑައިގަތުން ވެސްމެ،"