ޕޮއިންޓު ލިބިފައި ހުންނާނީ ފޯމުގައި ލިޔުނު މައުލޫމާތަށް: އަކުރަމް

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގޯއްޗާއި ފްލެޓް ކޮމިޓީގެ ޗެއާމަން އަކްރަމް ކަމާލުއްދީން -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު

ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަހައްދުން ފުލެޓަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓު ދިނުމުގައި ބަލާފައި ހުންނާނީ ފްލެޓަށް ކުރިމަތިލީއިރު ފޯމުގައި ހިމަނައިފައިވާ މައުލޫމާތަށް ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓު އިއްޔެ އާންމު ކުރުމާއެކު ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ އާއިލާތަކަށާއި ގާތް މީހުންނަށް ގިނަ މާކްސް ދިން ކަމަށް މީހުން ބުނެއެވެ. އަދި މާލޭގައި ގިނަ ދުވަސްވީ އަދި ގިނަ ދަރިންތިބެ ހާލުގައި އުޅޭ މީހުންނަށް ވުރެން ވަރަށް ފަހުން މާލެ އައި މީހުންނަށް ގިނަ މާކްސް ލިބިފައިވާ ކަމަށް ޝަކުވާ ކުރާ މީހުން ބުންޏެވެ.

އެންމެ ފަހުން ގިނަ އަދަދެއްގެ ބަޔަކު މިއަދު ވަނީ ނުރުހުން ފާޅުކުރުމުގެ ގޮތުން ޕްލޭނިން މިނިސްޓްރީގެ ތެރެއަށް ވަދެ، އިހުތިޖާޖު ކޮށްފައެވެ.

އެތަނުގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަކްރަމް ވިދާޅުވީ އާންމުންގެ ކަންބޮޑުވުންތަކާއި، ޝަކުވާތައް އިތުރުވުމާއި ގުޅިގެން ޝަކުވާ ހުށަހަޅަން ހުޅުވާލާނެ ކަމަށެވެ. އެގޮތުން ޝަކުވާ ހުށަހެޅުމަށް މިއަދު ހުޅުވާލުމާއެކު ޕޯޓަލްތެރެއިން ޝަކުވާ ހުށަހެޅޭނެ ކަމަށާއި، އެ ޝަކުވާތައް ބަލައިގަންނާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ފްލެޓަށް ޕޮއިންޓު ލިބިފައި ހުރި ގޮތާއިމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް އާންމުން ހައުސިން މިނިސްޓްރީއަށް އެއްވެ އިހުތިޖާޖު ކުރަނީ -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު

އިހުތިޖާޖު ކުރަން އެއްވެ ތިބި މީހުން އަޑުގަދަ ކުރަން ފެށުމުން އެންމެ ފަހުން އިންޓަވިއޫ ދެއްވަން އަކްރަމަށް ދަތިވިއެވެ. އަކުރަމް ވާހަކަ ދައްކަން ފައްޓަވާއިރު އެ ދައްކަވާ ވާހަކަ ދޮގުކޮށް އާއްމުން އަޑުގަދަ ކުރަން ފަށައެވެ.

ފްލެޓް ލިސްޓް ގުޅޭގޮތުން އާއްމުން ގިނަ ކަންބޮޑުވުންތަކެއް ފާޅު ކުރައްވަމުން ގެންދަވާއިރު އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ސަމާލު ކަމަށް އައިސް މިހާރު ވަނީ ބަލަން ފަށައިފައެވެ.

comment ކޮމެންޓް