ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އަބްދުﷲ ޝަރީފް ރިޓަޔާ ކުރައްވައިފި

ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އަބްދުﷲ ޝަރީފް ކަސްޓަމްސްއަށް ކޮށްދެއްވި ޙިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުމެއް އަރުވަނީ -- ފޮޓޯ/ކަސްޓަމްސް

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ކޮމިޝަނާ ޖެނެރަލް އަބްދުﷲ ޝަރީފް, 28 އަހަރު ކަސްޓަމްސްއަށް ޙިދުމަތް ކުރައްވައިފައި ވަޒީފާއިން މިއަދު ރިޓަޔާ ކުރައްވައިފިއެވެ.

މި 28 އަހަރުގެ ޙިދުމަތުގައި ޝަރީފް ކަސްޓަމްސްއަށް ގިނަ ކުރިއެރުންތަކެއް ހޯދައިދީފައިވާ ކަމަށް ކަސްޓަމްސްއިން މިއަދު ކުރި ޓްވީޓެއްގައި ފާހަކަކުރިއެވެ.

މީގެ އިތުރުން، 2020 ވަނަ އަހަރުން ފެށިގެން ކޮމިޝަނާ ޖެނެރެލްގެ ހައިސިއްޔަތުން ކަސްޓަމްސްގެ ފޯކަސް ލީޑް ކުރައްވައި ޕްރޮސީޖާސް އޮޓޮމެޓިކް ކުރުމާއި، ބޯޑާ ސެކިއުރިޓީ ވަރުގަދަކުރުމާއި، ނަޒާހާތްތެރިކަން އިތުރު ކުރުމުގައި ޝަރީފް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އަބްދުﷲ ޝަރީފް ސީޖީގެ މަގާމުން ރިޓަޔާ ކުރެއްވުމުން ކަސްޓަމްސްއިން ވަނީ އެނާއަށް ފުރިހަމަ ރިޓަޔާ މެންޓަކަށް އެދި، ޝަރީފް ކަސްޓަމްސްއަށް ކޮށްދެއްވި ޙިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުމެއް ވެސް އަރުވައިފައެވެ.

ކޮމިޝަނާ ޖެނެރަލްގެ މަގާމު އަދާކުރުމުގެ ކުރިން ޝަރީފް ހުންނެވީ ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައެވެ. ޝަރީފް ސީޖީގެ މަގާމަށް އައްޔަން ކުރީ އެ މަގާމުގައި އޭރު ހުންނެވި އަހުމަދު ނުޢުމާން، މީގެ ތިން އަހަރު ކުރިން އަވަހާރަވުމުންނެވެ.

comment ކޮމެންޓް