ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި މުދާ ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން ޤާނޫނާއި ގަވާއިދާ ޚިލާފަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން މިއަދު ހާމަކުރި ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ ރާއްޖެއަށް ގެނައި ޝިޕްމަންޓެއްގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރެގެން، މި ހިނގާ ޖޫން މަހުގެ 14 އަދި 15 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަންގައި ބަލައި ފާސްކުރި ޝިޕްމަންޓުގެ ތެރެއިން، ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގެ ތެރޭގައި ވަރަށް ބޮޑަށް ފޮރުވާފައި ހުރި 1،108 ވޭޕް ކާޓްރިޖް ވަނީ ފެނިފައެވެ. މީގެ އިތުރުން 27 ވޭޕް ޑިވައިސް ވެސް މި ޝިޕްމަންޓުގެ ތެރެއިން ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
މި ތަކެތި މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. އަދި ޤާނޫނާ ޚިލާފަށް މި ތަކެތި އެތެރެކުރަން އުޅުނު މައްސަލަ ކަސްޓަމްސްއިން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ރާއްޖެއަށް އެތެރެކުރާ މުދަލުގެ ތެރޭގައި ފޮރުވައިގެން މަނާ ތަކެއްޗާއި، ގަވާއިދާ ޚިލާފު ތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ދަނީ ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.