އިޒްރޭލަށް ތާއީދުކުރުމުން ކަމަށް ބުނެ އަޒްނިލްއަށް ހަމަލާދޭން އުޅެފި

އިޒްރޭލު ދިފާއު ކުރި ކަމަށް ބުނެ ސާފިން ކޯޗު އަހުމަދު އަޒްނިލަށް ހަމަލާ ދޭން ބަޔަކު ވަނީ މަސައްކަތްކޮށްފަ -- ފޮޓޯ/ އިންސްޓަގްރާމް

ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި އިޒްރޭލު ދިފާއު ކުރި ކަމަށް ބުނެ ސާފިން ކޯޗު އަހުމަދު އަޒްނިލަށް މާލޭގައި ބަޔަކު ހަމަލާދޭން މަސައްކަތްކޮށްފިއެވެ.

އެ ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ވީޑިއޯގެ ކެޕްޝަންގައި ވަނީ އަޒްނިލް މާލެ އައުމުން އޭނާއާ ބަޔަކު ދިމާކުރި ކަމަށެވެ. އަދި އަޒްނިލް ފުލުހުންގެ ކާރެއް ތެރޭގައި އިން މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

ބެލެވޭ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ މާލޭ ފަސް ނަންބަރު އަދި ހަ ނަންބަރު ޖެޓީ ކައިރީގައެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ބުނީ ބޭންކް އޮފް ސިލޯން ކައިރީ މާރާމާރީއެއް ހިނގާފައިވާކަމަށް މިރޭ 21:46 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި 22:34 ހާއިރު ހެންވޭރު ގެއެއްގައި ވެސް މާރާމާރީއެއް ހިނގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ދެ މާރާމާރީއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލަ ފުލުހުން މިހާރު ތަހުގީގުކުރަމުންދާ ކަމަށް ބުންޏެވެ.

މީގެ ކުރިން އަޒްނިލް ވަނީ 'އިޒްރޭލާއެކު ސާބިތުވެ ހުރި' ކަމަށް ބުނާ ޕޯސްޓެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އެއާއެކު ގިނަ ބަޔެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވުމުން އޭނާ އެކަމަށް މާފަށް އެދުނެވެ.

ނަމަވެސް "ދިވެހިންނާއި ދިވެހި ސަރުކާރުން ވެސް އެއް އަތުން ޔަހޫދީންގެ އަތުގައި ހިފައިގެން ޑޮލަރު ހޯދަމުން، އަނެއް އަތުން ފަލަސްތީނު ދިދަ ހިފައިގެން މުޒާހަރާ ކުރުން" އެއީ ދެފުށްކެހެރި ކަމެއްގެ ގޮތުގައި އޭނާ ސިފަކޮށްފައިވެއެވެ. އަދި އެހާ ރަހުމުކުޑަ ބަޔަކު ރާއްޖެއަށް އެތެރެވާން ހުރިހާ ސަރުކާރަކުން ވެސް ހުއްދަދޭތީ އެކަމާ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

comment ކޮމެންޓް