ސުއަރޭޒް އިންޓަ މަޔާމީއާ ގުޅުމަށް އެއްބަސް!

އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒް ބާސާގެ ޖާާޒީގައި -- ފޮޓޯ/ ގެޓީ

އެމެރިކާގެ ކްލަބު، އިންޓަ މަޔާމީއާ ގުޅުމަށް އުރުގުއާއީ ތަރި ލުއިސް ސުއަރޭޒް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

'އީއެސްޕީއެން' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން އިންޓަ މަޔާމީއާ ގުޅުމަށް އުމުރުން 36 އަހަރުގެ ފޯވަޑް ސުއަރޭޒް ވަނީ އެއްބަސްވެފައެވެ. އެ ކޮންޓްރެކްޓުގެ ދަށުން އޭނާއަށް އިތުރު އެއް ސީޒަނަށް ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ސުއަރޭޒް، ދެ އަހަރުގެ ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ގްރެމިއޯއާ ގުޅުނު ނަމަވެސް، މިހާރު އޭނާ ވަނީ އަންނަ މަހުގެ ތެރޭގައި އެ ކޮންޓްރެކްޓް ނިމުމަކަށް ގެންނާނެކަން އިއުލާންކޮށްފައެވެ.

އިންޓަ މަޔާމީއަކީ ސުއަރޭޒް، ބާސެލޯނާގައި ހޭދަކުރި ދުވަސްވަރުގައި ގިނަ ދުވަސްތަކެއް ވަންދެން އެކުގައި ކުޅުނު އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި ސްޕެއިން މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް އަދި ސްޕެއިން ޑިފެންޑަރު ޖޯޑީ އަލްބާ ކުޅޭ ކްލަބެވެ. ސުއަރޭޒްގެ ގާތް އެކުވެރިޔާ މެސީއާއެކު އަލުން ކުޅުމަށް އިންޓަ މަޔާމީއަށް ގުޅެން އުޅޭ ވާހަކަތައް ދެކެވޭތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ.

އެކަމާ ގުޅޭގޮތުން މިދިޔަ ޖުލައި މަހު ނޫސްވެރިން ސުވާލުކުރުމުން ސުއަރޭޒް ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. އޭރު ސުއަރޭޒް ބުނެފައިވާ ގޮތުގައި އަނިޔާގެ މައްސަލަތަކާ ގުޅިގެން އިތުރު ކްލަބަކުން އޭނާ ނުފެނިދާނެއެވެ.

comment ކޮމެންޓް