ޖަލުން ފިލަންވެގެން މޫދަށް ފުންމާލި މީހަކު ފުލުހުން އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު ހަވީރު 16:00 ކަށްހާއިރު ފުލުހުންގެ ބަންދެއްގައި ހުރި މީހަކު އަތޮޅުވެއްސަށް ގެނައި ވަގުތު ފިލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި، އޭނާ ފިލުމަށްޓަކައި މޫދަށް ފުންމާލާފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިހާރު އެ މީހާ މޫދުން ނަގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެއީ، 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ މީހާ އަތުލައިގެން ފުލުހުން ގެންދާ މަންޒަރު ފެނެއެވެ. އަދި، މޫދުން ނަގައިގެން ފުލުހުން އޭނާ ހައްޔަރުކޮށް ގެންދާ މަންޒަރު ފެނެއެވެ.