އަނިޔާއާ ގުޅިގެން ނޭމާ ސާޖަރީއެއް ހަދައިފި

ބްރެޒިލް ތަރި ނޭމާއަށް އަނިޔާވުން -- ފޮޓޯ/ ގެޓީ

ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން ބްރެޒިލްގެ ތަރި ނޭމާ ސާޖަރީއެއް ހަދައިފިއެވެ.

ސައުދީ އަރަބިއާގެ އަލް ހިލާލްގެ ތަރި ނޭމާއަށް އަނިޔާވެފައިވަނީ ވޯލްޑް ކަޕް ކޮލިފައިންގައި އުރުގުއާއީއާ ދެކޮޅަށް ބްރެޒިލުން ކުޅުނު މެޗުގައެވެ. މިދިޔަ މަހުގެ 18 ވަނަ ދުވަހު ކުޅުނު އެ މެޗުން ބްރެޒިލް ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ.

ނޭމާގެ ސާޖަރީ ހަދާފައިވަނީ ބްރެޒިލްގައި ގައުމީ ޓީމުގެ ޑޮކްޓަރު ރޮޑްރިގޯ ލަސްމާގެ ބެލުމުގެ ދަށުންނެވެ. ނޭމާ، ހޮސްޕިޓަލުގެ އެނދުމަތީގައި ނަގާފައިވާ ވީޑިއޯއެއް އޭނާގެ ބައްޕަގެ އިންސްޓަގްރާމްގައި އާންމުކޮށްފައިވާ އިރު، ނޭމާ ވެސް ވަނީ ޚާއްޞަ މެސެޖެއް ދީފައެވެ.

"ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް،" ނޭމާގެ ދެ ދަރިންނާއެކު ނަގާފައިވާ ފޮޓޯއަކާއެކު އޭނާގެ ސޯޝަލް މީޑިއާއަށް ދޫކޮށްލި މެސެޖުގައި ބުންޏެވެ.

ރިޕޯޓުތައް ބުނާގޮތުގައި އުމުރުން 31 އަހަރުގެ ނޭމާއަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ މިސީޒަނުގެ އެއްވެސް މެޗަކުން ދެން ނުފެންނާނެއެވެ. ނަމަވެސް އޭނާއަށް އަންނަ އަހަރުގެ ކޮޕާ އެމެރިކާގެ ކުރިން ކުޅުމަށް އެނބުރި އާދެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނޭމާއަށް ލިބުނު އަނިޔާއާ ގުޅިގެން އޭގެ އެންމެ ބޮޑު އަސަރެއް ކުރާނީ އަލް ހިލާލްއަށެވެ. މިދިޔަ ސީޒަނަށްފަހު ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިން 90 މިލިއަން ޔޫރޯ (98 މިލިއަން ޑޮލަރު)ގެ އަގަކަށް އަލް ހިލާލްއާ ގުޅުނު ނޭމާ މިހާތަނަށް އެ ކްލަބަށް ކުޅުނު ފަސް މެޗުގެ ތެރެއިން އެއް ގޯލު ވަނީ ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް