ވިކްޓަރީ ސްޕޯޓްސް ކްލަބުން ބިދޭސީ ހަ ކުޅުންތެރިޔަކު ގެނެސްފިއެވެ.
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތަށް ނުކުތުމަށް ތައްޔާރުވަމުންދާ ވިކްޓަރީއަށް ގެނައި ބިދޭސީ ހަ ކުޅުންތެރިންގެ ތެރެއިން ފަސް ކުޅުންތެރިޔަކު މިހާރު ވަނީ ތަމްރީނުތަކުގައި ބައިވެރިވާން ފަށައިފައެވެ.
ވިކްޓަރީއަށް ގެނައި ބިދޭސީ ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ މީގެ ކުރިން ވެސް ރާއްޖޭގެ ކްލަބުތަކަށް ކުޅެފައިވާ ކުޅުންތެރިންނެވެ.
ވިކްޓަރީން ގެނެސްފައިވާ ކުޅުންތެރިންގެ ތެރޭގައި މީގެ ކުރިން ކްލަބު ގްރީން ސްޓްރީޓްސް އަދި ފޯކައިދުއަށް ކުޅުނު ޕާކިސްތާން ކީޕަރު ހަނީފް ސާގިބާއި މީގެ ކުރިން ޔުނައިޓެޑް ވިކްޓަރީއަށް ކުޅުނު ސާބިއާ ޑިފެންޑަރު މިލޯސް ކޮވަސެވިޗް ހިމެނެއެވެ. އޭގެ އިތުރުން އުޒްބަކިސްތާނުގެ ޑިފެންޑަރު ހަސަންބޮއެވް ފުރްކަޓްޖޯން ވެސް ވަނީ ވިކްޓަރީއާ ގުޅިފައެވެ.
ވިކްޓަރީއަށް ދެން ގެނައި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މީގެ ކުރިން ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ކިރްގިސްތާނުގެ އެނަޓޮލީ ވްލާސިޗޭވް އާއި ޔުނައިޓެޑް ވިކްޓަރީއަށް ކުޅުނު ބެލަރޫސްގެ އިވާން ވެރާސް އަދި އުޒްބަކިސްތާނުގެ ފާރޫކް ކޭދަރޯވްއެވެ. އޭގެ ތެރެއިން އެނަޓޮލީ ޓީމުގެ ފަރިތަކުރުންތަކާ ގުޅޭނީ މިމަހުގެ ދިހަވަނަ ދުވަހުއެވެ.
ވިކްޓަރީން ވަނީ ބިދޭސީ ގޯލްކީޕަރު ޓްރެއިނަރެއް ވެސް ގެނެސްފައެވެ. އެއީ ސްރީލަންކާގެ ޓްރެއިނަރު ސަމްޕަތު ބިޑިކާ އެވެ.
ވިކްޓަރީން ކުރިއަށްއޮތް ދެވަނަ ޑިވިޝަންގައި ވާދަކުރާނީ ވަރުގަދަ ކުޅުންތެރިންތަކަކާއެކުއެވެ. އެގޮތުން އެޓީމުން ގެނައި އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަކްރަމް އަބްދުލްޤަނީ (އަކޫ) އާއި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އުމައިރާއި ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) އަދި މޫސާ ޔާމީން (ޔާމްބެ) ފާހަަގަކޮށްލެއެވެ. އަދި ޓީމުގެ ކޯޗަކީ ތަޖުރިބާކާރު ކޯޗު ސޮބާހް މުހައްމަދު (ސޮބާ) އެވެ.