ތާހިރުވެވޭނެ ގޮތެއް ނެތް، ޣައްޒާގެ އަންހެނުން މައްސަރު ކަންތައް ލަސްވާ ބޭސް ބޭނުން ކުރަނީ

ޣައްޒާގެ ދީރް އަލް ބަލާހުގައި ހުންނަ ރެފިއުޖީ ކޭމްޕެއްގައި ތިބި އަންހެނުންތަކެއް ސާފު ނުލިބުމުގެ ސބަަބުން މޫދު ލޮނު ފެނުން އަންނައުނު ދޮންނަނީ ފޮޓޯ/އަލްޖަޒީރާ

ޔަހޫދީ އިސްރާއީލުގެ ފައުޖުތަކުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް ހުއްޓުމެއް ނާންނައިރު، އިސްރާއީލުން އޮތީ ޣައްޒާއަށް ބޭނުންޖެހިފައިވާ ފެނާ، ކަނާ އަދި ބޭސް ފަރުވާގެ ސާމާނުވެސް ފޯރުކޮށްދިނުން ކޮންޓްރޯލުކޮށްފައެވެ.

މިއާއެކު އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ބަޔަކީ ޣައްޒާގެ އަންހެނުންނެވެ.

ގެދޮރު ގެއްލި، ވަގުތީ ހިޔާތަކަށް ބަދަލުވެފައިވާ ގިނަ ބަޔަކު އެއްތަނެއްގައި ތޮއްޖެހިގެން އުޅެން ޖެހިފައިވާއިރު، ފެނާއި މައްސަރު ކަންތައް ދިމާވުމުން ބޭނުންކުރާ ޕެޑް އަދި ޓެމްޕޮން ފަދަ ތަކެއްޗާއި ސާފު ތާހިރުވާން ބޭނުންކުރާ ސާމާނުވެސް ލިބުން ދައްޗެވެ.

މިއާއެކު ޣައްޒާގެ ގިނަ އަންހެނުން އަންނަނީ ނޯރެތިސްޓިރޯން ނުވަތަ މައްސަރު ކަންތައް ޖެހުން ލަސްކުރާ ބޭސް ބޭނުންކުރަމުންނެވެ. މި ބޭސް އާންމުކޮށް ބޭނުންކުރަނީ މައްސަރު ކަންތަކުގައި ލޭ އައުމާއި، ދަށްބަނޑާއި ބުރަކަށީގައި އަޅާ ވޭނުގެ ތަދު ކަނޑުވާލުމަށެވެ.

ޣައްޒާގެ ޚާން ޔޫނިސްގައި ހުންނަ ނާސިރު މެޑިކަލް ކޮމްޕްލެކްސްގެ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ މެޑިކަލް ކޮންސަލްޓަންޓް ޑރ ވަލީދު އަބޫ ހަތާބާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި މި ބޭހުގެ ސަބަބުން ރަހިމުގެ ފަށަލަތައް ފޭދިގެން އަންނަ ލޭ ދިއުން މަދުކޮށް ޕްރޮޖެސްޓަރޯން ހޯމޯންގެ މިންވަރު މަތިކޮށްދެއެވެ.

މި ބޭހުގެ ސަބަބުން މޭނުބައިކުރުން، މައްސަރު ކަންތައްތަކަށް ބަދަލު އައުން، ބޯއެނބުރުން އަދި މޫޑު ބަދަލުވުން ފަދަ ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ސިއްހީ މާހިރުން ލަފާދިން ނަމަވެސް ޣައްޒާގެ ސަލްމާ ޚާލިދު ފަދަ ބައެއް އަންހެނުން ބުނާ ގޮތުގައި އިސްރާއީލުގެ ލާއިންސާނީ އަމަލުތައް ހިންގަމުންދާ މި ދަނޑިވަޅުގައި ބޭސް ބޭނުން ކުރުން ނޫން ގޮތެއް ނެތެވެ.

ޣައްޒާގައި ހުންނަ އދ ގެ ރެފިއުޖީ ކޭމްޕުގައި އަންހެނަކު ކައްކަނީ ފޮޓޯ/އަލް މަޔާދީން ނޫސް

މީގެ ދެ ހަފުތާ ކުރިން ޣައްޒާ ސިޓީގެ ތެލް އަލް ހަވާ ސަރަހައްދުގައި ހުންނަ ގެއިން ނިކުމެގެން ޣައްޒާގެ މެދުތެރޭގައި ހުންނަ ދީރް އަލް ބަލާހް ރެފިއުޖީ ކޭމްޕަށް ދިރިއުޅުން ބަދަލުކުރި އުމުރުން 41 އަހަރުގެ ސަލްމާ ބުނި ގޮތުގައި މިފަދަ ބިރުވެރިކަމާއި ނުތަނަވަސްކަމާއި ހާސްކަމުގެ ތެރޭގައި އޭނާގެ މައްސަރުކަންތަކުގެ ތަރުތީބު ވަނީ އޮޅިފައެވެ.

އެ ގޮތުން މިދިޔަ މަހު ދެ ފަހަރު މައްސަރުކަންތައް ޖެހުނު ކަމަށް ސަލްމާ ބުންޏެވެ. އަދި މިއީ އޭނާގެ ހަޔާތުގެ އެންމެ އުނދަގޫ ދުވަސްތައް ކަމަށާއި މައްސަރުކަންތަކުގައި ވަރަށް ގިނައިން ލޭ ބޭރުވި ކަމަށްވެސް ސަލްމާ ބުންޏެވެ. މިއާއެކު މައްސަރުކަންތައް ލަސްކުރާ ބޭސް ބޭނުންކުރަން މަޖުބޫރުވީ ކަމުގައި ސަލްމާ ބުންޏެވެ.

ޣައްޒާގައި ހުޅުވާފައި ހުރި މަދު ފިހާރަތަކާއި ބޭސްފިހާރަތަކުން އެކަށީގެންވާ ވަރަށް ޕެޑް ލިބޭކަށް ނެތެވެ. ފެނުގެ ދަތިކަމުގެ ސަބަބުން ސާފުތާހިރު ވުމަކީވެސް ދަތި އުދަގޫ ކަމަކަށް ވަނީ ވެފައެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ އެތައް ބަޔަކަށް ވަނީ ރެފިއުޖީ ކޭމްޕްތަކާއި ހޮސްޕިޓަލްތައް އަދި ސްކޫލްތަކުން ބޯހިޔާވަހިކަން ހޯދުމަށް މަޖުބޫރުވެފައެވެ. މީހުން ގިނަވެ ތޮއްޖެހުމުގެ އެތަން ތަން ވަނީ ސިއްހީ ނުރައްކާތެރި ކަމެއްގައި ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ޣައްޒާގެ ނަފްސާނީ މާހިރެއް އަދި އިޖުތިމާއީ މަސައްކަތްތެރިއެއް ކަމަށްވާ ނެވިން އަދުނާން ވިދާޅުވި ގޮތުގައި އާންމުކޮށް އަންހެނުންނަށް ޕީރިއަޑްގެ ކުރިންނާއި ޕީރިއަޑް ދުވަސްވަރު ނަފްސާނީ އަދި ޖިސްމާނީ ކަންކަން ކުރިމަތިވާނެއެވެ. އޭގެ ތެރޭގައި މޫޑަށް އަންނަ ބަދަލުތަކާއި ބަނޑާއި ބުރަކަށީގައި ރިއްސުން ފަދަ އަލާމާތްތައް ހިމެނެއެވެ.

މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށްފައިވާ ދަނޑިވަޅެއްގައި ފެންނަ އަލާމާތްތައް އިތުރަށް ގޯސްވެދާނެ ކަމަށް އަދުނާން ވިދާޅުވިއެވެ. ގެދޮރުގެއްލި، ބައެއް މީހުންގެ ދަރިންނާއި ފިރިން ގެއްލިފައިވާއިރު، ހާސްވެ ކަންބޮޑުވުމުގެ ސަބަބުން އަންހެނުންގެ ހަށިގަނޑަށާއި ހޯމޯންތަކަށް ވެސް އަސަރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމަނިދި ނުލިބުމާއި، މެދުނުކެނޑި ހާސްވެ، ކަންބޮޑުވުން ފަދަ ކަންކަމާއި އިންތިހާއަށް ކުރިމަތިލާންޖެހިދާނެކަމަށް އަދުނާން އިތުރަށް ވިދާޅުވިއެވެ.

އަދުނާން ވިދާޅުވީ އާންމު ހާލަތްތަކުގައި މި ބޭސް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރަށް ދެއްކުމަކީ މުހިންމު ކަމެއް އަލްޖަޒީރާއަށް އަދުނާން ވިދާޅުވިއެވެ.

ޚާން ޔުނިސްގެ ހުޅަނގުގައި ހުންނަ އދ އިން ހިންގާ ސްކޫލެއްގައި އާއިލާއާއެކު މިހާރު ސަމީރާ އަލް ސާދީ ކިޔައިދިން ގޮތުގައި މީގެ މަހެއްހާ ދުވަސް ކުރިން އޭނާގެ 15 އަހަރުގެ ދަރިފުޅަށް ވަނީ އަލަށް މައްސަރު ކަންތައް ޖެހިފައެވެ. ތޮއްޖެހިފައިވާ ތަނެއްގައި، ރަނގަޅަށް ސާފުތާހިރުވެވޭނެ ގޮތެއް ނެތި އުޅެން ޖެހުމުން ދަރިފުޅު އެކަމާ ހާސްވެފައިއިން ކަމަށް ސަމީރާ ބުންޏެވެ.

ނަމަވެސް ދަރިފުޅަށް މައްސަރުކަންތައް ޖެހުން ލަސްކުރާ ބޭސް ދީފިނަމަ، އޭނާގެ ސިއްހަތަށް ކުރާނެ އަސަރާމެދު ސަމީރާ ކަންބޮޑުވެއެވެ. ދަރިފުޅަށް އެހީވާން ބޭނުންވިޔަސް އެކަން ނުކުރެވޭ ކަމަށް ސަމީރާ އަސަރާއެކު ކިޔައިދިނެވެ.

އެހެން ވަގުތީ ހިޔާއެއްގައި ދިރިއުޅޭ ހަތަރު ކުދިންގެ މަންމަ ރޫބީ ސެއިފް ބުނި ގޮތުގައި އަމިއްލަ ވަގުތީ ހިޔާތަކުގައި އަމިއްލަ މިނިވަން ކަމެއް ނެތެވެ. ފާހާނާތަކުގައި ފެނެއް ނެތެވެ. ބޭނުންވާ އެއްޗެއް ހޯދަން ބޭރަށް ނިކުމެވެން ނެތް ކަމަށްވެސް ރޫބީ ފާހަގަކުރިއެވެ.

ހަނގުރާމައިގެ ކޮންމެ ފަދަ ވަގުތެއްގައިވެސް ބޮން އަޅާފާނެ ކަމުގެ ބިރު ހިތުގައި އޮންނައިރު، އޭގެ މައްޗަށް މައްސަރުކަންތައް ޖެހުމުން ވާ ތަދަށް ކެތް ނުކުރެވޭ ކަމަށް ރޫބީ ކިޔައިދިނެވެ. ބިރުވެރިކަމާ، ތަދުގެ އިތުރުން ގަދަ ފިންޏަކީވެސް ކެތް ނުވާވަރުގެ ކަމެއް ކަމަށް ރޫބީ ބުންޏެވެ.

ޣައްޒާގެ އަންހެނުން މިއަދު ކުރިމަތިލާން ޖެހިފައި ވަނީ ހަމައެކަނި މައްސަރުކަންތައް ޖެހުމުން އެ އަޅާ ވޭނާއި އެކަނި ނޫން ކަމަށާއި ބިރުވެރިކަމުން ފުރިގެންވާ އެ މާހައުލުގައި އެމީހުންގެ ރައްކާތެރި ކަމަށް އެދި އެދި ތިބޭ އެމީހުންގެ ކުދިން ބެލެހެއްޓުމަކީވެސް ބޮޑު ގޮންޖެހުމެއް ކަމަށް ސަލްމާ އިތުރަށް ބުންޏެވެ. އަދި އެމީހުންނަށް އެއްވެސް ކަމެއްގައި އިހްތިޔާރެއް ނެތް ކަމަށްވެސް ސަލްމާ ބުންޏެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ދިން ހަމަލާއަކާ ގުޅިގެން އިސްރާއީލުން އަންނަނީ ކެނޑިނޭޅި ޣައްޒާގެ އާންމުންނަށް ހަމަލާތައް އަމާޒުކުރަމުންނެވެ. މީގެ އިތުރުން ޣައްޒާގެ މައި މަގުތަކަށް ކެނޑިނޭޅި އިސްރާއީލުން ބޮން އެޅުމާ ގުޅިގެން ގުދަންތަކުން ނެރެ ބޭސް ފިހާރަތަކަށް ގެންދިއުން ވަނީ އުދަގޫ ކަމަކަށްވެފައެވެ.

ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ އަމަލުތަކަށް 26 ދުވަސްވެފައި ވާއިރު ޢައްޒާ އަށް ވަނީ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުން ތަކެއްވެފައެވެ. ޣައްޒާގެ 8،500 އަށް ވުރެ ގިނަ މުސްލިމުން ޝަހީދުވެފައިވާއިރު، އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ޣައްޒާގެ އުތުރު ހުސްކޮށް ދެކުނަށް ބަދަލުވުމަށް އިސްރާއީލުން ތަކުރާރުކޮށް އަންގަމުންދާއިރު، އެމީހުން ދަނީ ވައިގެ ހަމަލާތައް ދެކުނަށް ވެސް އަމާޒުކުރަމުންނެވެ.

comment ކޮމެންޓް