ފަލަސްތީނު މައްސަލައިގައި ހަނުހުރުމުން ސެލީނާ ހޫނު ފެނަށް

އިސްރާއިލުން މިހާރު ފަލަސްތީނަށް ދެމުންދާ ހަމަލާ ތަކާ ގުޅިގެން މަޝްހޫރު ތަރި ސެލިނާ ގޮމޭޒް ދެއްކި ވާހަކަތަކާ އެކު އޭނާ ހޫނު ފެނަށް ވެއްޓިއްޖެއެވެ.

ޔުނިސެފްގެ އެމްބެސެޑަރެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވާ ސެލީނާ އަކީ އިންސްޓަގްރާމްގައި އެންމެ ނުފޫޒުގަދަ އެއް ފަންނާނެވެ. ޖުމްލަ 430 މިލިއަނަށް ވުރެ ގިނަ ފޮލޮވަރުން ސެލީނާގެ އޮތް އިރު އޭނާ ވަނީ މީގެ ކުރީން ވެސް ސޯޝަލް މީޑިއާގައި އެކި ކަހަލަ އިޖުތިމާއީ މައްސަލަތަކުގައި އަޑު އުފުލާފައެވެ.

ސެލީނާ ޔުނިސެފާ އެކު އެންމެ ބޮޑަށް މަސައްކަތް ކުރަމުން ދަނީ ކުޑަކުދިންގެ ރައްކާތެރި ކަމާއި ސަލާމަތާ ގުޅޭގޮތުންނެވެ. އެއާއެކު އިސްރާއިލުން ކުރަމުން ދިޔަ ހަމަލާތަކުގައި އެތައް ހާސް ކުޑަކުދިންތަކެއް މަރުވެފައިވާއިރު އެކަމާ ގުޅޭގޮތުން ސެލީނާ އެއްވެސް ވަރަކަށް ވާހަކަ ދައްކާފައެއް ނުވެއެވެ.

އެންމެ ފަހުން އެކަމަށް ޖަވާބެއް ދިނީ އޭނާ ދާދިފަހުން ސޯޝަލް މީޑިއާއަށް އާންމުކުރި ޕޯސްޓެއްގައެވެ.

ސެލީނާގެ ޕޯސްޓުގައި ބުނެފައިވަނީ މި ފާއިތުވި ދުވަސްތަކުގައި އިވެމުންދިޔަ ވާހަކަތަކާއި އަޑުތަކުން ވަރަށް ބިރުގަނެފައިވާ ކަމަށެވެ. އަދި އެއާއެކު ސޯޝަލް މީޑިއާ އާ ދުރުގައި ހުރީ ކަމަށް ސެލީނާ ފާހަގަކުރިއެވެ.

ސެލީނާ އިތުރަށް ބުނީ ހުރިހާ ފުރާނައަކީ ވެސް މުހިއްމު ފުރާނަތަކެއް ކަމަށާއި އެއީ ރައްކާތެރި ކުރަން ޖެހޭ އެއްޗެއް ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގެ ޕޯސްޓަކުން އެއްވެސް ފައިދާއެއް ނުވާނެ ކަމަށް ސެލީނާ ފާހަގަކުރިއެވެ.

މިކަމާ ގުޅިގެން އެތައް ބައެއްގެ ނުރުހުން ސެލީނާއަށް ރައްދުވިއެވެ. އެގޮތުން ސޯޝަލް މީޑިއާގައި އެންމެ ނުފޫޒުގަދަ އެކަކު ސޯޝަލް މީޑިއާގައި އެކަމާ ދެކޮޅަށް އަޑު އުފުލުމުގެ ބަދަލުގައި ސޯޝަލް މީޑިއާއިން ބްރޭކެއް ނެގުމަށް ނިންމުމުން އެއިން ފެންނަނީ ރަނގަޅު މެސެޖެއް ނޫން ކަމަށް އެތައް ބަޔަކު ބުންޏެވެ.

ޔޫކްރެއިންއަށް ލިބުނު ހަމަލާތަކުގައި އެކި ގޮތް ގޮތުން ސެލީނާ އެހީތެރިވާން އުޅުނު އިރު އެ ފަދަ އެހީއެއް ފަލަސްތީނުގެ މީހުންނާއި ކުޑަ ކުދިންނަށް ވެ ދީފައި ނުވާތީ ތަފާތު ކުރުން ހުރި ވަރު ފެންނަ ކަމަށް އެތައް ބަޔަކު ބުންޏެވެ.

ސެލީނާއަށް ވުރެ އެތައް މިލިއަން ފޮލޮވަރުން މަދު ބައެއް ތަރީން އަންނަނީ ކެނޑިނޭޅި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކަމުންނެވެ. އޭގެތެރޭގައި ކެލާނީ އާއި ލޯރެން ހޮރޭގީ އާއި ބެލާ ހަދީދު ފަދަ ތަރީންތައް ހިމެނެއެވެ.

comment ކޮމެންޓް