ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ފަސޭހައިން ބަލާލެވޭ ގޮތައް އެމްވީލޯގެ އާ ވެބްސައިޓެއް މިއަދު އެޓާނީ ޖެނެރަލްގެ އޮފީހުން އިފުތިތާހުކޮށްފިއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ވެބްސައިޓުން ކީވޯޑް ބޭނުން ކޮށްގެން ގަވާއިދުތައް ހޯދުމާއި އޮފްލައިންކޮށް ގަވާއިދުތައް ކިޔުމާއި ގާނޫނުތައް ބުކްމާކް ކުރުން ފަދަ ފަސޭހަތައް ލިބޭނެ ކަމަށެވެ. އަދި ޚާއްޞަ އެހީއަށް ބެނުންވާ މީހުންނަށް ބޭނުންކުރެވޭ ގޮތަށް، ގާނޫނުތައް އަޑު އެހުމަށްޓަކައި ޓެކްސްޓް-ޓު-ސްޕީޗް ފަންކްޝަން ވެސްވަނީ ހިމަނާފައެވެ. މިއީ އެ ފީޗާ ހިމެނޭ ފުރަތަމަ ވެބްސައިޓުކަން އެ އޮފީހުން ފާހަގަކުރެއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ މި ވެބްސައިޓުގެ މަގްސަދަކީ ގާނޫނީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ދުވެލި އަވަސްކުރުމަށް މަގުފަހި ކުރުމާއި ގާނުނުތަކާއި ގަވާއިދުތައް އެއްތަނަކުން ބެލޭނެ އިންޒާމު ހަމަޖެއްސުން ކަމަށެވެ.
އެމްވީލޯގެ މޮބައިލް އެޕްލިކޭޝަނެއް ކުރިއަށް އޮތް ހަފުތާތެރޭ އައިއޯއެސް އާއި އެންޑްރޮއިޑް ޑިވައިސްތަކަށް ލިބެންހުންނާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
މި ވެބްސައިޓު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޓާނިޓީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ، އެމްވީލޯގެ އެންމެހާ މަސަައްކަތްތަކުގައި ޔޫއެންޑީޕީގެ ވަރަށް ބޮޑު ހިއްސާއެއް ވާކަމަށެވެ.
ޔޫއެންޑީޕީން ފަރުމާކޮށްފައިވާ އެމްވީ ލޯގެ ވެބްސައިޓަކީ ގާނޫނީ ދާއިރާއަށް އެކި ރޮނގުތަކުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.