ހުވާކުރުމުގެ ކުރިން ބަޖެޓު ފާސްނުވެދާނެތީ ޕީއެންސީގެ ކަންބޮޑުވުން

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުރަހީމް އަބްދުﷲ -- ފޮޓޯ/ އެލީޒް

ނޮވެމްބަރު 17 ވަނަ ދުވަހު އިންތިޚާބީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހުވާކުރުމުގެ ކުރިން، އަންނަ އަހަރަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓު ފާސްނުވެދާނެތީ ޕީއެންސީން އެ ކަމާ މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން 2024 ވަނަ އަހަރުގެ ބަޖެޓު ވަނީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައެވެ.

ނަމަވެސް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި މަޖިލިސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

އެހެންކަމުން އެ މައްސަލަ ކުރިއަށް ނުގެންދަނީސް ބަޖެޓު ހުށަހެޅުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހަށް ހާޒިރުނުވާން ބަންޑާރަނައިބު ވަނީ ލަފާ ދެއްވައިފައެވެ. އެހެންވެ، މިނިސްޓަރު ވަނީ ނަޝީދުގެ މައްސަލަ ނުނިމެނީސް ބަޖެޓު ހުށަހަޅަން ނުދުރުވާން ނިންމައިފައެވެ.

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު 'ސަން'އާ ވާހަކަދައްކަވަމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް އައިސް އޮތުމަކީ ހަމައެކަނި ޕީއެންސީއަށް އޮތް ކަންބޮޑުވުމެއް ނޫން ކަމަށެވެ. އަދި، އެއީ މުޅި ގައުމު ވެސް ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ނޮވެމްބަރު 17 ވަނަ ދުވަހު ހުވާކުރެއްވުމަށް ފަހު އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވައުދުވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމުގެ މަސައްކަތް ފަށްޓަވަން ޖެހޭނެ ކަމަށެވެ. އެކަން ކުރުރުމަށްޓަކައި ބަޖެޓު ފާސްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަން ނުކުރެވި މަޖިލިސް މި ވަގުތު ހުއްޓިފައި އޮންނަ އޮތުމަކީ ޕީއެންސީގެ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންމެއަކަސް 17 ނޮވެމްބަރުގައި އެ މަނިކުފާނު ހުވާކުރެއްވުމަށް ފަހު އެމަނިކުފާނު ވެފައިވާ ވައުދުތައް ފުއްދަވަން އެބަ ޖެހޭ. އެކަން ކުރަން ބަލާއިރު ބަޖެޓު ފާސްނުވެ އޮތުމަކީ ވަރަށް އުނދަގޫކަމަކަށް ވާނި،" އަބްދުއްރަހީމް ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ ކަމަކަށް މުވައްޒަފުންގެ މުސާރަ ދޭންޖެހޭނެތާ. އޭގެން އެއްވެސް ކަމެއް ކުރެވޭނީ ބަޖެޓު ފާސްކުރެވިގެން،"

މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކު ހުށަހެޅި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ތިން ޖަލްސާއެއް މި ހަފުތާގައި ތާވަލުކުރިއެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އަދި ރައީސް ނަޝީދުގެ ކޮއްކޯފުޅު އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާ މަޖިލީހަށް ވަނީ ތިން ދުވަހު ވެސް ސަލާން ފޮނުއްވައިފައެވެ.

އާދިއްތަ ދުވަހަށް އެ މައްސަލަ ތާވަލުކުރި ޖަލްސާ ނުބޭއްވުމުން އެކަމާ ހިތްހަމަނުޖެހި އެމްޑީޕީގެ މެންބަރުން ވަނީ އިހުތިޖާޖުކޮށްފައެވެ. އަދި، ހަމަ އެ ދުވަހު އެ ޕާޓީން ވަނީ ސުޕްރިމް ކޯޓުގެ ލަފާއަކަށް އެދި އެ މައްސަލަ ހުށަހަޅާފައެވެ. އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި، އެ ގަރާރުގެ މައްސަލަ ނުނިމެނީސް މަޖިލީހުގެ އިތުރު މަސައްކަތެއް ކުރުމަށް ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދޭން ވެސް ވަނީ އެދެފައެވެ.

ސުޕްރިމް ކޯޓުން އެ މައްސަލަ ބަލައިގަތީ ހޯމަ ދުވަހުއެވެ.

އަދި މިއަދު ސުޕްރިމް ކޯޓުން ބުނީ އެ މައްސަލައިގެ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށެވެ. މި މައްސަލައިގެ އަޑުއެހުން އޮންނާނީ، އެ ދުވަހު ހެނދުނު 10:00 އާއި 12:00 އާ ދެމެދު ކަމަށް އެ ކޯޓުން ބުންޏެވެ.

comment ކޮމެންޓް