ތިލަފުށީ ފޭސް ދޭއްގެ ފުރަތަމަ ބައި ހިއްކާ ނިންމައި، އޭރިއާ އޭ ހިއްކަން ފަށައިފި

ތިލަފުށީ ފޭސް ދޭއް ހިއްކުމަށް ކަނޑައެޅިފައިވާ ސަރަހައްދުގެ ތެރެއިން ފުރަތަމަ އޭރިއާ (އޭރިއާ ބީ) ހިއްކާ ނިމި، އޭރިއާ އޭ ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މި ސަރަހައްދު ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފެބްރުއަރީ މަސް ތެރޭގައި ނިންމާލެވޭނެ ކަމަށް އާބަންކޯއިން ބުންޏެވެ. މިއީ، 71.5 ހެކްޓަރުގެ ސަރަހައްދެކެވެ. މިހާރު ހިއްކާ ނިމިފައިވާ އޭރިޔާ ބީ އަކީ 39.6 ހެކްޓަރުގެ ސަރަހައްދެކެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހަތަރު ސަރަހައްދެއްގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ މިދިޔަ މަހުގެ 14ވަނަ ދުވަހުއެވެ.

މި މުޅި މަޝްރޫއުގެ ތެރެއިން ހިއްކަން ހަމަޖެހިފައިވަނީ؛ އޭރިއާ އޭ ގެ 71.5 ހެކްޓަރު ސަރަހައްދާއި އޭރިއާ ބީ 39.6 ހެކްޓަރުގެ އިތުރުން، އޭރިއާ އީ 5.9 ހެކްޓަރާއި އޭރިއާ އެފް 0.73 ހެކްޓަރެވެ.

ތިލަފުށީގެ ސިނާއީ މަޝްރޫއަކީ ސަރުކާރުގެ ލަފަޔާއި އިރުޝާދުގެ ދަށުން އާބަންކޯއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ތިލަފުށީގެ ބިން ހިއްކާ ނިމުމުން، ތިލަފުށި މާސްޓަރު ޕްލޭންގެ ދަށުން އުމްރާނީ މަސައްކަތްތައް ކުރުމަށާއި ވިޔަފާރިގޭ ބޭނުންތަކަށް ޖާގަ ތަނަވަސްކޮށދިނުމުގެ ގޮތުން ބޮޑެތި ބިންތައް ދޫކުރުމަށް ކަނޑައެޅިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް