ހަމަނުޖެހުންތަކުގައި އެންމެ ގިނަ ކުދިން މަރުވީ ޣައްޒާގައި

އިސްރާއީލުން ވަނީ ޣައްޒާގައި ފޯނާއި އިންޓަނެޓުގެ ޚިދުމަތް ކަނޑާލާފަ -- ފޮޓޯ/ ގެޓީ

ދެހާސް ނަވާރަ ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ހަމަނުޖެހުންތަކުގައި މަރުވި ކުދިންނަށް ވުރެ މިދިޔަ ތިން ހަފުތާގެ ތެރޭގައި ޣައްޒާގައި މަރުވި ކުދިންގެ އަދަދު އިތުރު ކަމަށް އެންޖީއޯއެއް ކަމަށްވާ ސޭވް ދަ ޗިލްޑްރަންސްއިން ބުނެފިއެވެ.

އެ ޖަމިއްޔާއިން އާދީއްތަ ދުވަހު އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގައި 3،324 ކުޑަކުދިން މަރުވެފައިވާއިރު، ހުޅަނގު އައްސޭރީގައި ވަނީ 36 ކުދިން މަރުވެފައެވެ.

ސޭވް ދަ ޗިލްޑްރެންސްއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި އދ ގެ ކުޑަކުދިންނާ ބެހޭ ރިޕޯޓްތައް ބުނާ ގޮތުން ހަމަނުޖެހުންތަކުގައި 2022 ވަނަ އަހަރު 24 ގައުމަކުން ޖުމްލަ 2،985 ކުޑަކުދިންނާއި، 2021 ވަނަ އަހަރު 2،515 ކުޑަކުދިންނާއި 2020 ވަނަ އަހަރު 2،674 ކުޑަކުދިން ވަނީ މަރުވެފައެވެ.

ސޭވް ދަ ޗިލްޑްރެންއިން ފަލަސްތީނުގައި ހުންނަވާ ކަންޓްރީ ޑައިރެކްޓަރު ޖޭސަން ލީ ވިދާޅުވި ގޮތުގައި މަރުވާ ކުޑަކުދިންގެ ހަމައެކަނި ރައްކާތެރި ކަމަކީ ހަނގުރާމަ ހުއްޓުމެވެ. ބައިނަލްއަގުވާމީ މުޖުތަމައުން ސިޔާސީ ވުމުގެ ކުރިން އިންސާނިއްޔަތުކަން ކުރިއަށް ގެންނަން ޖެހޭ ކަމަށްވެސް ޖޭސަން ވިދާޅުވިއެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ޒަހަމްވެފައިވާ ކުޑަ ކުއްޖެއް ޣައްޒާގެ އަލް އަޤްޞާ ހޮސްޕިޓަލަށް ގެންދަނީ ފޮޓޯ/އަލްމަޔާދީން ނޫސް

މި ޖަމިއްޔާއިން މިގޮތަށް ހާމަކޮށްފައި ވަނީ އެއްގަމު މަގުން ޔަހޫދީން ޣައްޒާތެރެއަށް ވަދެގަނެފައިވާ ދަނޑިވަޅެއްގައެވެ.

ޣައްޒާގައި މަރުވި 8،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 40 އިންސައްތައަށް ވުރެ ގިނަ މީހުންނަކީ ކުޑަކުދިންނެވެ. ޝަހީދުވި ކުދިންގެ އިތުރުން، ޣައްޒާއިން އިތުރު 1،000 ކުޑަކުދިން ގެއްލިގެންވެސް ވަނީ ރިޕޯޓްކޮށްފައެވެ. އެ ކުދިން ތިބީ ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ކަމަށްވެސް އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ހަނގުރާމަ ފެށުނު ފަހުން ޣައްޒާގައި ވަނީ 6،000 އަށް ވުރެ ގިނަ ކުޑަކުދިން ޒަހަމްވެފައެވެ.

ދެހާސް ހަތް ވަނަ އަހަރުން ފެށިގެން ޔަހޫދީން ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ހަރުކަށިކޮށް، ކާބޯތަކެއްޗާއި، ފެނާއި ކަރަންޓު ވެސް ޣައްޒާގެ އާންމުންނަށް ފޯރުކޮށްދިނުމަށް ޔަހޫދީން އަންނަނީ ހުރަސް އަޅަމުންނެވެ.

ކަރަންޓު ނެތުމުގެ ސަބަބުން ޣައްޒާގެ ހޮސްޕިޓަލްތަކުގެ މަސައްކަތް ވަނީ މުޅިހެން ހުއްޓިފައެވެ. މިއާއެކު ޣައްޒާގެ ސިއްހީ ނިޒާމް އެއްކޮށް ފުނޑިފައިވާ ކަމަށްވެސް ސިއްހީ ވުޒާރާއިން ވަނީ ބުނެފައެވެ. ހޮސްޕިޓަލްތަކުގެ އިންކިއުބޭޓަރުގައި ފަރުވާދެމުން އަންނަ ތުއްތު ކުދިންނާއި ފުރާނައަށް ނުރައްކާވާ ފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ފުރާނަ ވަނީ ނުރައްކާތެރި ފައްތަރެއްގައެވެ.

ޣައްޒާގެ ތަލް އަލް ހަވާގައި ހުންނަ އަލް ޤުދުސް ހޮސްޕިޓަލަށް ބޮން އަޅާނެ ކަމަށް އިންޒާރުދީ، ތަން ހުސްކުރުމަށްވެސް ޔަހޫދީން މިހާރު ވަނީ އަންގާފައެވެ. ހޮސްޕިޓަލްގައި އެތައް ބަލި މީހުންނެއް ތިބިއިރު، 12000 ށްވުރެ ގިނަ ގެދޮރު ގެއްލިފައިވާ މީހުންވެސް ތިބީ ހޮސްޕިޓަލުން ހިޔާވަހިކަން ހޯދައިގެންނެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާ އަންހެނުންނެވެ.

ޤުދުސް ހޮސްޕިޓަލަށް ބޮން އަޅާނެ ކަމުގެ އިންޒާރުދީފައިވާއިރު، މި މަހުގެ 17 ވަނަ ދުވަހު ޔަހޫދީން ވަނީ ޣައްޒާގެ އެންމެ ދުވަސްވީ ހޮސްޕިޓަލް، އަލް އަހްލީ އަރަބި ހޮސްޕިޓަލަށް ބޮން އަޅައި 800 ށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. ނަމަވެސް މިއީ އެ މީހުން ދިން ހަމަލާއެއް ނޫން ކަމަށާއި، ޒިންމާ ނަގަން ނުޖެހޭނެ ކަމަށް އިސްރާއީލުން އަންނަނީ ބުނަމުންނެވެ.

comment ކޮމެންޓް