ފަލަސްތީނުގެ ޢައްޒާގައި ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީން ރައްޔިތުންނަށް އެހީވުމަށްޓަކައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފަރާތުން ފަސް ލައްކަ ރުފިޔާ ފަލަސްތީނު ފަންޑަށް މިއަދު ހަދިޔާ ކޮށްފިއެވެ.
މި ފައިސާގެ އެހީ ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ހަވާލުކޮއްފައިވަނީ ދިވެހި ރެޑް ކްރެސެންޓް (އެމްއާރްސީ)އާއެވެ.
އެމްޕީއެލްގެ ފަރާތުން މި ފައިސާގެ އެހީގެ ޗެކް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސާ ޝާހިދު އަލީއެވެ. އަދި، އެމްއާރްސީގެ ފަރާތުން ޗެކާ ހަވާލުވެލެއްވީ އެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ ފާތިމަތު ހިމްޔާއެވެ.
އެމްޕީއެލުން ބުނީ، ފަލަސްތީނަށް އެހީވާން ހިންގާ ހަރަކާތްތަކުގައި އެ ކުންފުންޏާއި ކުންފުނީގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި، އެހީވާން އެމްޕީއެލްގެ އެކި ސަހަރައްދުތަކުގައި ވެސް ފަންޑު ފޮށި ބަހައްޓާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުން ހުޅުވާލި ފަންޑަށް ވެސް ވަނީ 1.6 މިލިއަން ރުފިޔާ ލިބިފައެވެ.
ކުރިއަށް މިދާ އިންސާނީ ކާރިސާގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ރާއްޖެއިން އަންނަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. ދާދި ފަހުން، ސަރުކާރުން ވަނީ ފަލަސްތީނަށް ދެ މިލިއަން މަސްދަޅު ހަދިޔާކުރަން ވެސް ނިންމައިފައެވެ. މީގެ އިތުރުން އެކި ގޮތްގޮތުން ފައިސާގެ އެހީތެރިކަން ވެސް ފޯރުކޮށްދެއެވެ.
މި މަހުގެ ހަތްވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ކުއްލި ހަމަލާއަށް ފަހު، އިސްރާއީލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް، ބޮޑު ގަތުލުއާންމެއް ފައްޓައިފައެވެ.
އެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 8,000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަ ކުދީންނެވެ.