ޗެލްސީއާއެކު ހާސްކަމެއް ނެތް ކަމަށާއި ނަމަވެސް ނަތީޖާތަކަށް ޒިންމާ ނަގައި، މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރާނެ ކަމަށް އެ ކްލަބުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން އެންމެ ފަހުން ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުގައި ރަނގަޅު ފުޓުބޯޅައެއް ކުޅުނު ނަމަވެސް، އެ މެޗުން ޗެލްސީ ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ. އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ޗެލްސީ ކޮޅަށް ބްރެންޓްފޯޑުން ގޯލުތައް ޖަހާފައިވަނީ އީތަން ޕިނޮކް އާއި ބްރަޔަން އެމްބޫމޯއެވެ. އެ ދެ ގޯލު ވެސް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ.
"އަމިއްލަ ދަނޑުގައި ނަތީޖާ ނެރުމަށް އަހަރެމެން މަސައްކަތްކުރަން ޖެހޭ. އަހަރެންނަށް ހާސްކަމެއް ނެތް. އެކަމަކު ޒިންމާ ނަގައި، މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރާނަން. ޓީމުގައި ހުނަރުވެރި ކުޅުންތެރިންތަކެއް އެބަތިބި. ނަމަވެސް މިއީ މުޅިން އާ ޓީމެއް،" މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޗެލްސީގެ ކޯޗު ޕޮޗެޓީނޯ ބުންޏެވެ.
ޕޮޗެޓީނޯ ބުނީ ޗެލްސީ ކޮޅަށް ގޯލު ވަނުމާއެކު ކުޅުންތެރިންގެ މޫނުމަތިން މާޔޫސްކަން ފެންނަ ކަމަށާއި ކުޅުންތެރިން އިތުބާރު ހޯދަން ޖެހޭ ކަމަށެވެ. އަދި ބައެއް ފަހަރު ބޭނުންވާ ގޮތް ނޫން ގޮތަށް ނަތީޖާ ނުކުމެދާނެކަން ގަބޫލުކުރަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.
މިއަހަރު ޗެލްސީން އަމިއްލަ ދަނޑުގައި ކުޅުނު ޕްރިމިއާ ލީގުގެ އަށް މެޗަކުން ވަނީ ބަލިވެފައެވެ. އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު 13 ލީގު މެޗުގެ ތެރެއިން ޗެލްސީ މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ އަލަށް ލީގުގައި ވާދަކުރާ ލުޓޮން ޓައުން އަތުން މިދިޔަ އޮގަސްޓް މަހު ހޯދި މޮޅެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އޮތީ ކުޅުނު ދިހަ މެޗުން ލިބުނު 12 ޕޮއިންޓާއެކު ތާވަލުގެ 11 ވަނައިގައެވެ. މިސީޒަނުގެ މިހާތަަނަށް ލީގުގައި ޗެލްސީ މޮޅުވެފައިވަނީ އެންމެ ތިން މެޗުންނެވެ.