ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ، ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ، ރީޖަނަލް ކޮމެޓީގެ 76 ވަނަ ބައްދަލުވުން އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި މިއަދު ފަށައިފިއެވެ.
މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހުންނަވަނީ، ހެލްތް މިނިސްޓަރު އަޚްމަދު ނަސީމެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމަކީ މި ސަރަޙައްދުގެ 11 ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރުންނާއި ޞިއްޙީ ދާއިރާގެ އިސްވެރިންނާއި ފަންނީ ފަރާތްތައް ހިމެނޭގޮތަށް، މި ސަރަޙައްދުގެ ރައްޔިތުންގެ ސިއްޙަތާގުޅޭ މުހިންމު ކަންކަން ކަނޑައަޅައި، ނިންމުންތައް ނިންމާ އެންމެ މުހިންމު 'ގަވާނަންސް' ބައްދަލުވުމެވެ.
އެގޮތުން މި އަހަރުގެ ބައްދަލުވުމުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ކުރިއަށް އޮތް ފަސް އަހަރަށް މި ހިސާބުގެ ރީޖަނަލް ޑިރެކްޓަރުގެ މަޤާމަށް ބޭފުޅަކު އިންތިހާބުކުރުން ހިމެނެއެވެ.
މިއަހަރުގެ ރީޖަނަލް ކޮމެޓީގައި، މި ސަރަހައްދުގެ ޤައުމުތަކުގައި އާއްމު ޞިއްޙަތު ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުމަށް ސަރަޙައްދުގެ ސިއްހީ ދާއިރާގެ އިސްވެރިންގެ ޚާއްސަ "ރައުންޑް ޓޭބަލް" ބައްދަލުވުމެއް މާދަމާ ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މިކަމަށް ކުރިއަށް އޮތްތަނުގައި މަސައްކަތްކުރުމަށްޓަކައި "ދެއްލީ ޑިކްލަރޭޝަން އޮން ސްޓްރެންތަނިން ޕްރައިމަރީ ހެލްތު ކެއާ އޭޒް އަ ކީ އެލިމެންޓް ޓުވާޑްސް އެޗީވިން ޔުނިވާސަލް ހެލްތު ކަވަރޭޖް" ގެ ނަމުގައި ގަރާރެއް ފާސްކުރަން ވަނީ ނިންމާފައެވެ.
މި ބައްދަލުވުމުގައި، ޓީބީ ނައްތާލުމަށް ޤައުމުތަކުގެ މެދުގައި ކުރެވެމުންދާ މަސައްކަތްތަކާއި، ޢާއްމު ޞިއްޙަތު ހަރުދަނާކުރުމަށާއި، ސްކޫލްތަކުގައި ޞިއްޙަތު ކުރިއެރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މި ސަރަހައްދުގެ ހެލްތު އެމާޖެންސީ ފަންޑު ފުޅާކުރުމަށް ޤައުމުތަކުގެ މެދުގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.
މީގެ އިތުރުން 2024-2025 އަށް ކަނޑައަޅާ ޕްރޮގްރާމް ބަޖެޓާއި، ސަސްޓެއިނަބްލް ފައިނޭންސިން އަދި 14 ވަނަ ޖެނެރަލް ޕްރޮގްރާމް އޮފް ވާކް (ޖީޕީ ޑަބްލިޔު 14) އާ ގުޅޭ މަޝްވަރާތައް ކުރަން ވަނީ ނިންމައިފައެވެ.
މިއަހަރުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސިއްހީދާއިރާ ކުރިއެރުވުމަށް ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ރާވާފައެވެ.