ފަހު ވަގުތު ވެސް ކުރި އުންމީދުން ހާސިލްކުރީ ބެސްޓް އޯލްރައުންޑްގެ މަގާމު!

ދ. ބަނޑިދޫ ސްކޫލުގެ ބެސްޓް އޯލްރައުންޑް އާމިނަތު ސަހާ -- ސަން ފޮޓޯ/ ޒަލޫފް

ގަދައަޅައި އަމިއްލަ މަސައްކަތުން ކުރި ހިތްވަރަކީ, ކުރެވުނު މަސައްކަތުގައި ކާމިޔާބީއަށް ވާސިލްވެވުނު އެންމެ ބޮޑު ސަަބަބު ކަމަށް އޭނާ ބުނެއެވެ.

ޓިއުޝަނެއް ލިބޭނެ ގޮތެއް ނެތި، ރަށުން ހޯދުނު އެހީތެރިކަަމަކާއެކު، ލިބެން ހުރި ވަސީލަތެއްގެ ބޭނުން ހިފައިގެން އެވަރުގެ މަގާމެއް ލިބިދާނެކަމަކަށް އަދިވެސް އޭނާއަށް ގަބޫލެއް ނުކުރެވެއެވެ.

"އަލްޙަމްދުލިﷲ، އަޅުގަނޑަށް މި އުފާވެރި ނިއުމަތް މިންވަރުކޮށްދެއްވި ފަރާތަށް ހަމްދުހުރި،" ދ. ބަނޑިދޫ ސްކޫލުގެ ބެސްޓް އޯލްރައުންޑްގެ މަގާމު ހޯދި އާމިނަތު ސަހާ އޭނާގެ ޝުއޫރުތައް ހިއްސާކުރަން ފަށަމުން ބުންޏެވެ.

މީސްކޮޅު މަދު، ކުޑަ އާބާދީއެއްގައި ކިޔަވާ ކޮންމެ ދަރިވަރަކަށް ވެސް އޮންނާނެ އެންމެ ބޮޑު ގޮންޖެހުން ސަހާވަނީ އޭނާގެ މި ދަތުރުގައި ތަޖުރިބާކޮށްފައެވެ.

ދ. ބަނޑިދޫ ސްކޫލުގެ ބެސްޓް އޯލްރައުންޑް އާމިނަތު ސަހާ -- ސަން ފޮޓޯ/ ޒަލޫފް

ސަހާ ކިޔައިދިން ގޮތުގައި އޭނާގެ ވެސް ތައުލީމީ ހަޔާތުގެ ފެށުން ގުޅިފައިވަނީ ޕްރީސްކޫލުގެ ފޮނި ހަނދާންތަކާއެވެ. މަންމަ ސްކޫލަށް ލައިދިނުމުން، ބޮޑާ ހާކައި، ގެއަށް ދާން ގަދަ ހެދި ހެދުންތައް އަދިވެސް ސަހާގެ ހަނދާނުގައި އެބަހުއްޓެވެ.

ޕްރީ ސްކޫލުގެ ތައުލީމު ނިންމައިލުމަށްފަހު ބަނޑިދޫ ސްކޫލުން އޭނާގެ ތައުލީމީ ދަތުރު ފަށަން ޖެހުނީ އެންމެ ހީކުރި ގޮތަކަށް ނޫނެވެ. ކުދިންގެ އަދަދު އިންތިހާއަށް މަދު ކުލާހެއްގެ ބެޗުގައި ހިމެނި، ކުރިއަށް ދިއުންވީ، ކާމިޔާބީގެ މި ދަތުރުގައި އޭނާއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަށެވެ.

"ބަނޑިދޫ ސްކޫލުގެ ތާރީޚުގައި ވެސް އަދާހަމައަށް ވެސް ނާންނާނެ މަދު އަދަދެއްގެ ދަރިވަރުންނާއެކު. އެންމެ ހަތް ކުދިންގެ ކްލާހަކަށް. އެ ކަން ވީ އޯލެވެލްއާ ހަމައަށް ހޭދަކުރެވުނު 14 އަހަރުގައި ވެސް ދިމާވި އެންމެ ބޮޑު ގޮންޖެހުމަށް،" ސަހާ ކިޔައިދިނެވެ.

ދ. ބަނޑިދޫ ސްކޫލުގެ ބެސްޓް އޯލްރައުންޑް އާމިނަތު ސަހާއަށް މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް އިނާމު ހަވާލުކުރައްވަނީ -- ސަން ފޮޓޯ/ ޒަލޫފް

މިއީ، ސްކޫލެއްގައި ކިޔެވުމުގެ ތަޖުރިބާ، ފޫހި ތަޖުރިބާއަަކަށްވި އެންމެ ބޮޑު ސަބަބު ކަމަށް ވެސް ބުންޏެވެ. ހަމައެއާއެކު ސްކޫލު މާހައުލުގައި ތައުލީމާއެކު ފުރިހަމަ ކުރަން ހުރި އަމަލީ ތަޖުރިބާގެ އެކްސްޕެރިމަންޓުތައް ވެސް ހެދުމަށް ހުރަސްއެޅުނު ކަމަށް ސަހާ ފާހަގަކުރިއެވެ.

"ތަފާތު ގްރޫޕުތަކުގައި މޮޅެތި ތަޖުރިބާ ކުރާނެ ފުރުސަތެއް ނުލިބުނު،" އޭނާ ބުންޏެވެ.

އަދަދު މަދު ހަތް ކުދިންގެ ކްލާހަކުން ކުރިއަށްދަނިކޮށް، އަނެއްކާ ވެސް އިތުރު މާޔޫސްކަމަކަށް ވީ ތިން ކުދިން ވަކިވެ، ކުލާހުގެ އަދަދު ހަތަރު ކުދިންނަށް މަދުވުމުންނެވެ.

އެހެންވެ، ރަށާއި ސްކޫލުން، އެ ހަތަރު ދަރިވަރުންނާމެދު ކުރަމުން އައި އުންމީދެއް ނެތްކަމުގެ އިހުސާސް މަދުން ނަމަވެސް ހިތަށް ވެރިވި ފަހަރު އައިކަމަށް ސަހާ ބުންޏެވެ.

މަދު ވަސީލަތްތަކަކާއެކު، ޓިއުޝަން، ނުވަތަ ޕާސްޓް ޕޭޕަރުތައް ފަދަ އެ ނޫން ވެސް ކިޔެވުމަށް ބޭނުންވާ މުހިންމު ވަސީލަތްތަކުން އެ ކުދިން މަހުރޫމްވުމަކީ މިއަދު ވެސް ހާލަތު އޮތް ގޮތެވެ.

ދ. ބަނޑިދޫ ސްކޫލުގެ ބެސްޓް އޯލްރައުންޑް އާމިނަތު ސަހާ -- ސަން ފޮޓޯ/ ޒަލޫފް

ކިރިޔާ ވެސް ތަނަވަސްކަމެއް ލިބިފައިވާނަމަ އެ ކުއްޖެއްގެ މައިންބަފައިން ބަލަނީ، މާލެ ފޮނުވައިގެން، އެންމެ ފެންވަރު ރަނގަޅު ތައުލީމު ދެވޭތޯއެވެ.

އެއީ ކޮންމެ ކުއްޖަކަށް ލިބޭނެ ނަސީބެއްނޫން ނަމަވެސް، ސަހާގެ ކާމިޔާބީއިން ސާބިތުކޮށްދިނީ އަމިއްލަ މަސައްކަތުން ކާމިޔާބީ ހޯދިދާނެ ކަމެވެ. ސަހާ ބުނި ގޮތުގައި އެހެން ދިމާއަކަށް ދިއުމަށް އޭނާގެ ހާލަތު ތަން ނުދިން ނަމަވެސް މައިންބަފައިންނާއި އާއިލާގެ ފަރާތުން ލިބުނު އެހީތެރިކަމުގައި އެއްވެސް އުނިކަމެއް ނެތެވެ.

"އަޅުގަނޑުގެ މަންމައާއި ބައްޕައާމެދު އަޅުގަނޑު ފަޚުރުވެރިވަން އަބަދުވެސް. އާއިލާގައި ލިބިފައިވާ ފޯރުންތެރިކަމާއެކު އަޅުގަނޑު ގޮވައިގެން އެހެން ދިމާއަކަށް މިސްރާބު ބަދަލުކުރާނެ ކެރިފޯރުންތެރިކަން ނެތް ނަމަވެސް އަޅުގަނޑު ރަށުގައި ހުރެގެން ކިޔެވީ މަންމައާއި ބައްޕަ ގާތު އެދުމުން ފުރިހަމަ ނުކޮށްދެވިވާ އެއްވެސް ކަމެއް ނެތި،" ޝުކުރުގެ ލިސްޓު ފަށަމުން ސަހާ ހިއްސާކުރިއެވެ.

އޭނާގެ ޝުކުރު ޚާއްސަކުރަނީ މައިންބަފައިންނަށާއި، އާއިލާއިން ޚާއްސަކޮށް ދޮންތައާއި ތިއްތިބެއަށެވެ. އަދި ޓީޗަރުންނަށާއި އެކުގައި އުޅުނު ކުދިންނަށެވެ.

ބެސްޓް އޯލްރައުންޑްގެ މަގާމުގެ ހުވަފެން ދެކޭ ދަރިވަރުންނަށް ސަހާގެ މެސެޖު ކުރުވެފައި ސާފެވެ. އޭނާ ބުނީ، އެ ކަމަށް ބޭނުންވަނީ ރަނގަޅު އަޚްލާގާއި ކިޔަމަންތެރިކަމާއި ވަރުގަދަ އަޒުމެއް ކަމަށެވެ.

"ޓީޗަރުން ދެއްވާ އިރުޝާދުތައް ކަނުލައި އަޑުއަހައި އެއަށް އަމަލުކުރާނަމަ މިއީ އުނދަގޫ މަގާމެއް ނޫން ހާސިލްކުރާކަށް،" ސަހާ ބުންޏެވެ.

ސަހާ ބުނި ގޮތުގައި މުސްތަގްބަލުގައި އޭނާ ބޭނުންވަނީ މެޑިސިންގެ ދާއިރާއިން ކިޔަވައިގެން، ކުރިއަށްދާށެވެ. މުސްތަގްބަލަށް ކުރާ އުންމީދާއެކު އެ ކަން ހާސިލްކުރުމަށް ވެސް ގަދައަޅައި މަސައްކަތް ކުރާނެކަމަށް ސަހާ ބުންޏެވެ.

comment ކޮމެންޓް