ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) 2009ވަނަ އަހަރު ނެރުނު ބިރުވެރި ފިލްމު "އުދަބާނި"ގެ ދެވަނަ ބައިގެ އެޑިޓިންގެ މަސައްކަތް ނިމުމާ ގާތްވެއްޖެއެވެ.
އުދަބާނި ނަމުގައި ނެރުނު ވާހަކައަކަށް ބިނާކޮށް 2009ގައި ނެރުނު ބިރުވެރި ޑްރާމާ ފިލްމަކީ އެ އަހަރު އޮލިމްޕަހުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި އެއް ފިލްމެވެ.
ފުރަތަމަ ފިލްމުގެ މަސައްކަތް ވެސް ކޮށްފައިވާ އަމްޖޭ މިހާރު ރެޑީ ވަނީ ފިލްމުގެ ދެވަނަ ބައެއް ނެރުމަށެވެ. އެގޮތުން ފިލްމުގެ ޝޫޓިންގެ މަސައްކަތް ވަނީ މިދިޔަ މަހުގެ ތެރޭގައި ނިމިފައެވެ. އެއާއެކު މި މަހުގެ ތެރޭގައި ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ފަށައި ފިލްމުގެ އެޑިޓިންގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދަން ފެށިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފިލްމުގެ އެޑިޓިންގެ މަސައްކަތުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައި ނިމި މިހާރު އޮތީ ނިމުމާ ގާތް ވެފައެވެ.
ފުރަތަމަ ފިލްމާ އަޅާ ބަލާއިރު ކޮލިޓީގެ ގޮތުން ދެވަނަ ފިލްމަކީ ވަރުގަދަ ފިލްމަކަށް ހެދުމަށް ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތަފާތު އިފެކްޓްސް ބޭނުން ކުރުން ފަދަ މަސައްކަތް ކުރާނެ ކަމަށް އިޝާރާތް ކުރެއެވެ.
ދެވަނަ ފިލްމުގެ ބަތަލެއްގެ ގޮތުގައި ފެންނާނީ އަހްމަދު އީސާ (އާނަންދު)އެވެ. ބަތަލާއެއްގެ ގޮތުގައި ފާތިމަތު ޝުހާއެވެ. މީގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) ނަތާޝާ، ޝަމީލް، މަރިޔަމް ހަލީމް، ޝަކީލާ އަދި ވަހީދު ހިމެނެއެވެ.
މިހާރު ޓީމުން މަސައްކަތް ކުރަމުން އަންނަނީ އަންނަ އަހަރުގެ ތެރޭގައި ފިލްމު ރިލީޒް ކުރުމަށެވެ. ނަމަވެސް ފިލްމު ނެރޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.