ރާއްޖޭގެ އާމިންއަށް ދުނިޔޭގެ ޖޫނިއާ ރޭންކިންގެ ދިހަވަނަ

ބޮޑީބޯޑިން ދުނިޔޭގެ ޖޫނިއާ ރޭންކިންގެ ދިހަވަނަ ހޯދި ރާއްޖޭގެ އާމިން މޫސާ(ވ) -- ފޮޓޯ/ އެމްބީބީއޭ

އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ދުނިޔޭގެ ޖޫނިއާ ރޭންކިންގެ ގަދަ ދިހައެއްގައި ރާއްޖޭގެ އާމިން މޫސާ ހިމެނިއްޖެއެވެ.

އާމިން ވަނީ މިދިޔަ އަހަރުގެ ދުނިޔޭގެ ރޭންކިންގައި ވެސް ރާއްޖޭގެ ނަން ފަވާލައިދީފައެވެ. މިދިޔަ އަހަރުގެ ޖޫނިއާ ރޭންކިންގައި އޭނާ ހިމެނިފައިވަނީ ތިންވަނައިގައެވެ.

މިދިޔަ އަހަރު ބޭއްވި އައިބީސީ ވޯލްޑް ޓުއާގެ ފައިނަލުގައި ވާދަކޮށް، ރޭންކިންގެ ތިންވަނައިގައި ހިމެނުނު އާމިންއަށް މިއަހަރު އެ މަގާމު ދެމެހެއްޓިފައި ނުވަނީ، މިއަހަރުގެ މުބާރާތުގެ ފައިނަލުން ޖާގައެއް ހޯދިފައިނުވުމުންނެވެ. ނަމަވެސް މިއަހަރުގެ މުބާރާތުގެ ވެސް ސެމީ ފައިނަލާ ހަމައަށް އޭނާ ދަތުރުކުރިއެވެ.

އައިބީސީން އިއުލާންކުރި މިއަހަރުގެ ރޭންކިންގެ ދިހަވަނައިގައި އާމިން އޮތީ 2.417 ޕޮއިންޓު ހޯދައިގެންނެވެ. ރޭންކިންގެ އެއްވަނައިގައި އޮތް ޕެރޫގެ މައިކަލް ޔެންސޭ 4.250 ހޯދި އިރު، ދެވަނައިގައި އޮތް ބްރެޒިލްގެ ގިލޭމާ މޮންޓެނީގްރޯއަށް ލިބިފައިވަނީ 3.655 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތީ 3.125 ޕޮއިންޓް ހޯދި ކެނެރީ އައިލެންޑްސްގެ ޖޯޖް ހެނާންޑޭޒެވެ.

އާމިން މިއަހަރު ވާދަކުރި ވޯލްޑް ޓުއާ އިވެންޓުތަކަކީ ރާއްޖޭގައި ބޭއްވި ވިޒިޓް މޯލްޑިވްސް ޕްރޯ އާއި، ފްރާންސްގައި ބޭއްވި ލަ ސެލީ ޕްރޯ އާއި ޕޯޗުގަލްގައި ބޭއްވި ސިންޓްރާ ޕްރޯ އަދި ސްޕެއިންގައި ބޭއްވި ފްރޮންޓޮން ކިންގް އެވެ.

comment ކޮމެންޓް