ބޮލީވުޑްގެ އެކްޓަރު ސިދާތު މަލްހޯތުރާ އާއި ޒުވާން ބަތަލާ ޖާންވީ ކަޕޫރު އެކީގައި ފެންނާނެ ފުރަތަމަ ފިލްމަށް ސޮއި ކޮށްފައިވާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މި ފިލްމަކީ، ޖިއޯ ސްޓޫޑިއޯސް އާއި ދިނޭޝް ވީޖަންގެ މެޑްޑޮކް ފިލްމްސް ގުޅިގެން އުފައްދާ ފިލްމެކެވެ. މިހާތަނަށް ފިލްމާބެހޭ މަޢުލޫމާތުތައް ސިއްރުކޮށްފައި އޮތް ނަމަވެސް ފިލްމީ ޚަބަރު ގެނެސްދޭ ބޮލީވުޑް ހަންގާމާގައި ބުނެފައި ވަނީ މި ފިލްމަކީ، ކާމިޔާބު ޑައިރެކްޓަރު ތުޝާރު ޖަލޯޓާގެ އުފެއްދުމެއް ކަމަށެވެ.
ތުޝާރު ޑަލޯޓާ އަކީ އަބިޝޭކް ބައްޗަން އާއި ބަތަލާ ޔާމީ ގޯތަމް އަދި ނިމްރީތު ކޯރު މުހިއްމު ރޯލްތައް ކުޅުނު ފިލްމު "ދާސްވީ"ގެ ޑައިރެކްޓަރެވެ.

ޖާންވީގެ ފިލްމު "ދެވަރާ-1"ގެ ޕޯސްޓަރެއް
ފިލްމީ ޚަބަރުތަކާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައި ވަނީ ތުޝާރު އަންނަނީ ވަރަށް ވަރުގަދަ ތުރިލާއެއްގެ މަސައްކަތް ކުރަމުން ކަމަށެވެ. އަދި މި ފިލްމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ނިންމާފައި ވާކަމަށްވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ފިލްމުގެ ސްކްރިޕްޓް ސިދާތު އާއި ޖާންވީއަށް ވަކި ވަކިން ނެރޭޓް ކޮށްފައިވާ ކަމަށާއި ސްކްރިޕްޓް ދެ ތަރިންނަށް ވެސް ވަރަށް ބޮޑަށް ކަމުގޮސްފައި ވާކަމަށް ފިލްމާ ގުޅުންހުރި ފަރާތަކުން ވަނީ ބޮލީވުޑް ހަންގާމާއަށް މައުލޫމާތު ދީފައެވެ.
ބޮލީވުޑްގެ އުއްމީދީ ބަތަލާ ޖާންވީއާއި ސިދާތުގެ ކެމިސްޓްރީއާ މެދު ބެލުންތެރިން ގަޔާވާނެކަމުގެ އުއްމީދު އެބައޮތް ކަމަށް ޕްރޮޑިއުސަރު ދިނޭޝް ވީޖަން ވަނީ ބުނެފައެވެ. މި އަހަރު އެމޭޒަން ޕްރައިމްގައި ސްޓްރީމް ކުރަން ފެށި ފިލްމު "ބަވާލް"އަށް ފަހު ޖާންވީ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ އަހަރުގެ އޭޕްރިލް މަހު ރިލީޒްކުރާ ތެލުގޫ ފިލްމު "ދެވަރާ-1" އިންނެވެ.