އިސްރާއީލުން ޣައްޒާއަށް މެދުކެނޑުމެއްނެތި ދެމުންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން އިސްރާއީލާ ދެކޮޅަށް ދުނިޔޭގެ އެހެން ގައުމުތަކުން ތެދުވަން މަޖުބޫރުވެދާނެ ކަމަށް ވިދާޅުވެ އީރާނުގެ ރައީސް އިބްރާހިމް ރައީސީ ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
ރައީސީ ވިދާޅުވީ އިސްރާއީލުގެ ޒަޔަނިސްޓު ވެރިކަމުގެ ޖަރީމާތައް 'ރަތް ރޮނގު' ހުރަސްކޮށްފައިވާ ކަމަށެވެ.
"މިކަމުގެ ސަބަބުން އެހެން ގައުމުތަކަށް ހަނގުރާމައިގެ ތެރެއަށް ވަންނަން ޖެހިދާނެ،" ރައީސީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
ރައީސީ އިތުރަށް ވިދާޅުވީ، ޣައްޒާގެ މައްސަލަައެއް އެހެން ގައުމުތަކުން ނުވަންނަ ކަމަށް އެމެރިކާއިން ބުނި ނަމަވެސް އެ ގައުމަކީ އިސްރާއީލަށް އެންމެ ބޮޑަށް އެއްބާރުލުންދޭ ގައުމު ކަމަށެވެ.
މި މޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް، އެކަމާމެދު އަޅުއްވާނީ ކޮން ފިޔަވަޅެއް ކަމެއް ނުވަތަ އީރާންގެ ރޭވުމަކީ ކޮބައި ކަމެއްވެސް ރިޔާސީ ވިދާޅެއްނުވެއެވެ. ނަމަވެސް، އިރާގާއި ސީރިއާގައި އެމެރިކާގެ ސިފައިންނަށް ދާދި ފަހުން އީރާނުން ހަމަލާތަކެއް ދީފައިވާ ކަމަށް ބެލެވޭއިރު، ޣައްޒާގެ ހަނގުރާމަ ފެށުނު ފަހުން ލުބުނާނުގެ ބޯޑަރުގައި ހިޒްބުالله އާއި އިސްރާއީލު ސިފައިންނާ ދެމެދު ހަމަލާތައް ބަދަލުކުރާ މިންވަރު ވަނީ އިތުރުވެފައެވެ.
ފަލަސްތީނުގެ ހަތިޔާރުއެޅި ޖަމާއަތް ކަމަށްވާ ހަމާސްއަށް އީރާނުން ތާއީދުކުރި ނަމަވެސް، ފަލަސްތީނުގެ މިނިވަން ކަމުގެ ދިފާއުގައި ހަމާސް އިން ފަށާފައިވާ "އަލް އަޤްޞާ ފްލަޑް" ގައި އީރާނުން ބައިވެރި ނުވާ ކަމަށް އެ ގައުމުން އަންނަނީ ބުނަމުންނެވެ.
އީރާނުން ވާގިވެރިވާ މުޖާހިދުންގެ ޖަމާޢަތްތަކުގެ ތެރޭގައި ހަމާސް އަދި ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުالله ހިމެނެއެވެ. އީރާނުން އެހީތެރިކަން ފޯރުކޮށްދޭ ހަތިޔާރު އެޅި ޖަމާއަތްތައް އިރާގާއި ސޫރިޔާގައި ވެސް ހަރަކާތްތެރިވެއެވެ. މީގެ އިތުރުން، ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީންނަކީ ވެސް އީރާނުން ވާގިވެރިވާ ޖަމާތަކެވެ. އެ ހުރިހާ ޖަމާޢަތްތައް އެކުވެ، އިސްރާއީލާ ދެކޮޅަށް ތެދުވެއްޖެ ނަމަ، އިސްރާއީލް ބަލިވާނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ.