ތިންވަނަ ކުއާޓަރުގައި އެސްޓީއޯއަށް 4.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް

އެސްޓީއޯ ހެޑް އޮފީސް އިމާރާތް--- ސަން ފޮޓޯ/ ޢަބްދުﷲ ހުސައިން

ސަރުކާރާއި ރައްޔިތުން ހިއްސާވާ، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އަށް ތިންވަނަ ކުއާޓަރުގައި 4.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

އެސްޓީއޯއިން އާއްމުކޮށްފައިވާ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީބަޔާނަށް ބަލާއިރު، އާމްދަނީގެ ގޮތުގައި ޖުމުލަ 4.1 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ، އޭގެ ކުރީ ކުއާޓަރާ ބަލާއިރު 300 މިލިއަން ރުފިޔާގެ އިތުރު ވުމެކެވެ.

އަދި، ސާފު ފައިދާގެ ގޮތުގައި ލިބުނީ 271 މިލިއަން ރުފިޔާއެވެ. އެއީ، މީގެ ކުރީ ކުއާޓަރާ ބަލާއިރު 10 އިންސައްތަ ދަށް އަދަދެކެވެ.

ސާފު ފައިދާ ދަށްވި ނަމަވެސް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް 942 މިލިއަން ރުފިޔާ ލިބުނެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 469 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ވިޔަފާރީގެ ފައިދާއަށް ކުރިއެރުން އައި ނަމަވެސް، އެސްޓީއޯގެ ދަރަނިތައް ވަނީ ބޮޑުވެފައިވާ ކަމަށް ވެސް ރިޕޯޓުން ފާހަގަކުރެވެއެވެ. އެގޮތުން މިދިޔަ ކުއާޓާ ނިމުނުއިރު, 6.3 ބިލިއަނުގައި ހުރި ޖުމްލަ ދަރަނި މި ކުއާޓާ ނިމުނުއިރު ހުރީ 6.7 ބިލިއަން ރުފިޔާގައެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ މި ކުންފުންޏަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުންޏެވެ.

comment ކޮމެންޓް